އިންޑިއާގެ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޑީއާރުޑީއޯ) އިން، އެއްފަހަރާ އެތައް އަމާޒަކަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ 'އަގްނީ-5' ބެލިސްޓިކް މިސައިލް ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މިއީ އިންޑިއާގެ ދިފާއީ އަދި ސްޓްރެޓީޖިކް ޤާބިލުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮޑިޝާގެ އައްސޭރިފަށުގައި އޮންނަ ޑރ. އޭޕީޖޭ އަބްދުލް ކަލާމް ޖަޒީރާގައި ކުރިއަށްގެންދިޔަ މި ޓެސްޓުގައި ބޭނުންކޮށްފައިވަނީ 'މަލްޓިޕަލް އިންޑިޕެންޑެންޓްލީ ޓާގެޓަބަލް ރީ-އެންޓްރީ ވެހިކަލް' (އެމްއައިއާރުވީ) ޓެކްނޮލޮޖީއެވެ.
އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި މިއީ 5،000 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ، އަދި ތިން މަރުހަލާއެއްގެ މައްޗަށް އެކުލެވޭ ސޮލިޑް-ފިއުލް އިންޖީނެއް ބޭނުންކުރާ މިސައިލެކެވެ. އެމްއައިއާރުވީ ޓެކްނޮލޮޖީގެ ސަބަބުން، އެންމެ މިސައިލަކުން އެކި ސަރަހައްދުތަކުގައިވާ ތަފާތު އަމާޒުތަކަށް ނިއުކްލިއަރ ވޯހެޑްތައް ފޯރުކޮށްދެވޭނެއެވެ. މިކަމުގެ ސަބަބުން ދުޝްމަނުންގެ މިސައިލް ދިފާއީ ނިޒާމުތަކަށް މި މިސައިލް ހުއްޓުވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ހަބަރުތައް ބުނެއެވެ.
މިކަމާ ގުޅިގެން އިންޑިއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މިސައިލް ޓެސްޓުކޮށްފައިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައިވާ ތަފާތު އަމާޒުތަކަކަށް އަމާޒުކޮށްގެން ކަމަށެވެ. އަދި މި ކާމިޔާބު ޓެސްޓާއެކު، އެންމެ މިސައިލް ނިޒާމެއް ބޭނުންކޮށްގެން އެތައް އަމާޒަކަށް ހަމަލާދިނުމުގެ ގާބިލުކަން އިންޑިއާއަށް ލިބިފައިވާކަން ސާބިތުކޮށްދީފައިވާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ. މީގެ އިތުރުން، މި ޓެސްޓުގެ ސަބަބުން އިންޑިއާއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ދިފާއުވުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގް ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމްއައިއާރުވީ ޓެކްނޮލޮޖީއާއެކު އަގްނީ-5 ޓެސްޓުކުރުމަކީ ސަރަހައްދީ ނިއުކްލިއަރ ބާރުގެ ތިލަފަތަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ތަޖުރިބާކާރުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ހާއްސަކޮށް ޗައިނާގެ ނިއުކްލިއަރ ހަތިޔާރުތަކާއި މިސައިލް ދިފާއީ ނިޒާމުތައް ކުރިއަރަމުންދާ ދަނޑިވަޅެއްގައި، މި ޓެކްނޮލޮޖީގެ ސަބަބުން އިންޑިއާގެ ދިފާއީ ގާބިލުކަން އިތުރުވެ، ދެ ގައުމުގެ ދެމެދުގައިވާ ނިއުކްލިއަރ ބާރުގެ ހަމަހަމަކަން ކަށަވަރުކުރެވޭނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިއާއެކު، އެމެރިކާ، ރަޝިއާ، ޗައިނާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތް ފަދަ އެމްއައިއާރުވީ ޓެކްނޮލޮޖީ ހާސިލުކޮށްފައިވާ މަދު ގައުމުތަކުގެ ލިސްޓުގައި އިންޑިއާ ވަނީ ހިމެނިފައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ