އެމެރިކާގެ ޑެންވާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރައްކާތެރިކަމުގެ ފާރުމަތިން ފުންމާލައިގެން ރަންވޭ މައްޗަށް އެރި މީހެއްގެ ގައިގައި ފްރޮންޓިއާ އެއާލައިންސްގެ ބޯޓަކުން ޖެހި އެ މީހާ މަރުވެއްޖެއެވެ. ހުކުރު ދުވަހުގެ ރޭ 11:19 ހާއިރު ހިނގި މި ހާދިސާގައި، ބޯޓުގެ އިންޖީނުގައި ރޯވުމާ ގުޅިގެން ފަސިންޖަރުން ވަނީ ކުއްލި ހާލަތުގައި ބޯޓުން ބާލައިފައެވެ.

ޑެންވާ އިން ލޮސް އެންޖެލިސް އަށް ދަތުރުކުރަން ތައްޔާރުވި ފްލައިޓް 4345 (އެއާބަސް އޭ321) ނައްޓާލަން އުޅުމުގެ ތެރޭގައި ހިނގި މި ހާދިސާގައި މަރުވި މީހާއަކީ އެއާޕޯޓުގެ މުވައްޒަފެއް ނޫން ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބޭރުގެ ނޫސްތައް ބުނެއެވެ. އެއާޕޯޓުގެ ތަރުޖަމާނަކު ބުނި ގޮތުގައި، އެ މީހާ ވަނީ އެއާޕޯޓުގެ ވަށައިގެންވާ ފާރުމަތިން ފުންމާލައިގެން އެތެރެއަށް ވަދެފައެވެ. އަދި އޭނާގެ ގައިގައި ބޯޓުން ޖެހުނީ އެތެރެއަށް ވަންތާ ދެ މިނެޓު ފަހުންނެވެ.

އެމެރިކާގެ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ މީހާ ގަސްދުގައި ފާރުމަތިން ފުންމާލައިގެން ރަންވޭ މައްޗަށް ދުވެފައި ދިޔައީ ކަމަށާއި، އެއްވެސް މީހަކު އެއާޕޯޓުގެ ސަލާމަތީ ކަންކަމާ ހިލާފުވެގެން ނުވާނެ ކަމަށެވެ. މި ހާދިސާ ހިނގުމާއެކު ޕައިލެޓުން ވަނީ ބޯޓު ހުއްޓުވައި، މީހެއްގެ ގައިގައި ޖެހިއްޖެ ކަމަށާއި އިންޖީނުގައި ރޯވެފައިވާކަން އެއާ ޓްރެފިކް ކޮންޓްރޯލަށް އަންގައިފައެވެ. ފްރޮންޓިއާ އެއާލައިންސުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކެބިން ތެރެއަށް ދުން ވަނުމުގެ ސަބަބުން ޕައިލެޓުން ވަނީ ބޯޓު ނައްޓާލުން ހުއްޓާލާފައި ކަމަށެވެ.

މި ބޯޓުގައި 224 ދަތުރުވެރީންނާއި 7 ފަޅުވެރީންނާއެކު ޖުމުލަ 231 މީހުން ތިއްބެވެ. ބޯޓުން މީހުން ހުސްކުރުމުގެ ތެރޭގައި 12 މީހަކަށް ކުދި އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ.

މި މައްސަލަ ތަހުގީގުކުރުމަށްޓަކައި އެއާޕޯޓުގެ ރަންވޭ 17އެލް ވަގުތީ ގޮތުން ބަންދުކުރުމަށްފަހު، ހޮނިހިރު ދުވަހުގެ ހެނދުނު ވަނީ އަލުން ހުޅުވައިފައެވެ.