މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލް ލީޑު ރޯލުން ފެނިގެންދާ ކާމިޔާބު ކްރައިމް ތްރިލާ ފްރެންޗައިޒްގެ ތިންވަނަ އަދި އެންމެ ފަހު ފިލްމު ކަމަށްވާ "ދްރިޝްޔަމް 3" ގެ ރަސްމީ ޓްރެއިލާ އިއްޔެ އާންމުކޮށްފިއެވެ. ޖީތޫ ޖޯސެފް ޑައިރެކްޓުކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މޯހަންލާލްގެ 66 ވަނަ އުފަންދުވަހާ ދިމާކޮށް، މި މަހުގެ 21 ވަނަ ދުވަހުއެވެ.

މި ފިލްމުގައި މޯހަންލާލް އަނެއްކާވެސް ފެނިގެންދާނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ 'ޖޯޖްކުއްޓީ'ގެ ރޯލުންނެވެ.

ޓްރެއިލާއިން ފެންނަ ގޮތުގައި، މި ފަހަރުގެ ފިލްމަކީ ކުރީގެ ދެ ފިލްމަށްވުރެ ބޮޑަށް ނަފްސާނީ އަދި ޖަޒުބާތީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. ފިލްމަށް ސެންސަރު ބޯޑުން ޔޫ/އޭ ސެޓްފިކެޓް ދީފައިވާއިރު، އެމެރިކާގައި 20 މެއިގައި ފިލްމުގެ ޕްރިމިއާ ޝޯތައް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ދެ މިނެޓާއި ފަސް ސިކުންތުގެ މި ޓްރެއިލާއިން ޖޯޖްކުއްޓީގެ ކެރެކްޓާއަށް އައިސްފައިވާ ބޮޑެތި ބަދަލުތައް ފެނިގެންދެއެވެ. އޭނާގެ މާޒީގައި ހިނގާފައިވާ ކުށުގެ އަމަލުތަކުގެ ސަބަބުން، އަމިއްލަ ދަރިން އޭނާއަކީ ކުށްވެރިއެއްގެ ގޮތުގައި ދެކެފާނެތީ އެކަމާ ޖޯޖްކުއްޓީ އިންތިހާއަށް ކަންބޮޑުވެ، ބިރުގަންނަ މަންޒަރު ފެނެއެވެ.

ޓްރެއިލާ ފެށިގެން އަންނަނީ އާއިލާ އެކުގައި ކާމޭޒުދޮށުގައި ތިބެ، އޮކްޓޯބަރު 2 ގެ ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކާ މަންޒަރުންނެވެ. މީގެ ކުރިން ފެނިފައިވަނީ ވަރަށް ހަމަޖެހިގެން، ފުލުހުންނަށްވުރެ އެއް ފިޔަވަޅު ކުރީގައި އޭނާ އުޅޭތަނެވެ. ނަމަވެސް، މި ފަހަރު އޭނާގެ އަމިއްލަ ނަފްސާ ކުރާ ހަނގުރާމައާއި، އާއިލާގެ ތެރޭގައި އުފެދޭ ނުތަނަވަސްކަން ވަރަށް ބޮޑަށް ދައްކުވައިދެއެވެ. ބޭރުގެ ޑިސްޓްރިބިއުޓަރެއް ކަމަށްވާ ފާރސް ފިލްމުން ލީކުކޮށްލާފައިވާ ޕްލޮޓްގައިވާ ގޮތުން، ޖޯޖްކުއްޓީ މިހާރު މަސައްކަތްކުރަނީ ހަމައެކަނި ބޭރުގެ ނުރައްކާތަކުން އާއިލާ ސަލާމަތްކުރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި އޭނާ މަސައްކަތްކުރަނީ ހަގީގަތް ފޮރުވައިގެން އާއިލާ އެކުގައި ބޭއްވުމަށެވެ. އަދި އޭނާގެ ސިއްރުތައް ހާމަވެދާނެކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާކަން ސޯޝަލް މީޑިއާގައި އާންމުން ދަނީ ފާހަގަކުރަމުންނެވެ.

https://youtu.be/07h9Y1XKBWI?si=hPFq7Mt3jdSUpkbH

ފިލްމުގެ ޑައިރެކްޓަރު ޖީތޫ ޖޯސެފް ބޮލީވުޑް ހަަބަރުތަކަށް ދިން އިންޓަވިއުގައި ބުނި ގޮތުގައި، ފުރަތަމަ ދެ ފިލްމާ ހިލާފަށް މި ފިލްމުގައި ޖޯޖްކުއްޓީއަށް އޭނާގެ ފަހަތުން އުޅެނީ ކާކުކަމެއް ނޭނގޭނެއެވެ. ކުރީގެ ފިލްމުތަކުގައި ފުލުހުންނާއި މަރުވި ކުއްޖާގެ އާއިލާއިން އޭނާ ހޯދަން އުޅޭކަން ޖޯޖްކުއްޓީއަށް އެނގެއެވެ. ނަމަވެސް މި ފަހަރު އޭނާ ހަނގުރާމަކުރަން ޖެހިފައިވަނީ ނޭނގޭ ފަރާތަކާއެވެ. ޖީތޫ ބުނި ގޮތުގައި، މި ފަހަރު އޭނާ ހޯދަމުން އެދަނީ އަނދިރީގެ ތެރޭގައި ކަމަށާއި، އެއީ އެންމެ ނުރައްކާތެރި ހާލަތު ކަމަށެވެ. ޖީތޫ އިތުރަށް ފާހަގަކުރި ގޮތުގައި، މިއީ ހަމައެކަނި ސިކުނޑިން ކުޅޭ ކުޅިގަނޑަކަށްވުރެ ބޮޑަށް، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ޖޯޖްކުއްޓީގެ އާއިލާއަށް އައިސްފައިވާ ބަދަލުތަކާއި، އެމީހުންގެ އިހުސާސްތަކުގެ މައްޗަށް އުފައްދާފައިވާ އާއިލީ ޑްރާމާއެކެވެ. އެހެންކަމުން، ކުރީގެ ފިލްމުތަކެކޭ އެއްފަދައިން ހަމައެކަނި ސަސްޕެންސަށް އުންމީދުކޮށްގެން ސިނަމާއަށް ނުދިއުމަށް އޭނާ ވަނީ ބެލުންތެރިންނަށް އިލްތިމާސްކޮށްފައެވެ.

2013 ވަނަ އަހަރު ނެރުނު "ދްރިޝްޔަމް" އަދި 2021 ވަނަ އަހަރު ނެރުނު "ދްރިޝްޔަމް 2" އަކީ މުޅި އިންޑިއާގައިވެސް ބޮޑު ކާމިޔާބީއެއް ހޯދި ދެ ފިލްމެވެ. މި ފިލްމުތައް ވަނީ ހިންދީ، ތަމަޅަ، ތެލުގޫ އަދި ކަންނަޑާ ބަހުންވެސް ރީމޭކްކޮށްފައެވެ. މި ފްރެންޗައިޒްގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ކެރެކްޓާތަކުގެ މެދުގައިވާ ޖަޒުބާތީ ގުޅުން ދެމެހެއްޓުމެވެ. ތިންވަނަ ފިލްމުގައިވެސް މޯހަންލާލްގެ އިތުރުން މީނާ، އަންސިބާ ހަސަން، އެސްތަރް އަނިލް، އާޝާ ޝަރަތު އަދި ސިއްދީގު ފަދަ ތަރިން އެމީހުންގެ ކުރީގެ ރޯލުތަކުން ފެނިގެންދާނެއެވެ. އަނިލް ޖޯންސަން މިއުޒިކް ތައްޔާރުކޮށްދީފައިވާއިރު، ސަތީޝް ކުރުޕް ވަނީ ސިނަމަޓޯގްރަފީގެ މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން، އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ހިންދީ ރީމޭކް 2 އޮކްޓޯބަރު 2026 ގައި ނެރުމަށް ވަނީ ހަމަޖެހިފައެވެ.