ހައްޖުވެރިން ތިބޭ 355 ކޮޓަރީގެ ހޮޓަލުގެ އާބާތުރަ ފިލުވާފައިވާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ، މައްކާގެ އެ ހޮޓަލުގެ އާބާތުރަ ފިލުވީ، ހައްޖުވެރީންނަށް ދޭ ހިދުމަގތުގެ ފެންވަރު މަތިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކަމަށެވެ.

އެގޮތުން މައްކާ ހޮޓެލުގެ ހުރިހާ ކޮޓަރިތަކެއްގެ ކާޕެޓު ބަދަލުކޮށް، މޭޒާއި އެނދު ބަދަލުކޮށް، ފާހާނާތަކުގެ މުށި ބަދަލުކުރުންފަދަ ކަންކަން ކޮށްފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

"ޖުމްލަ 355 ކޮޓަރީގެ ހޮޓަލުގެ ހުރިހާ ކޮޓަރިއަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައި. ނިމިދިޔަ ރަމަޟާން އުމްރާއަށްފަހު މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަނީ ހޮޓަލުގެ ވެރިފަރާތަށް ދަންނަވައިގެން އެ ބަދަލުތައް ގެނައުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައި." ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ހޮޓަލުގެ ލޮބީ އޭރިއާއަށް ބަދަލުތަކެއް ގެނެސް، ހާޖީން މަޑުކޮށްލައިގެން ތިބުމަށް ސޯފާތައް އާކޮށް، ދީނީ އަދި އެނޫންވެސް އިރުޝާދުތައް ދިނުމަށް ކޮންފަރެންސް ހޯލެއް މިހާރުވަނީ ހޮޓަލުގައި ގާއިމުކޮށްފައި ކަމަށް ހައްޖު ކޯޕްރޭޝަނުން ބުނެއެވެ.

10 މެއި 2026: ހައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ބަގީގެ ހިދުމަތް --- ފޮޓޯ/ ހައްޖު ކޯޕްރޭޝަން

އޭގެ އިތުރުންވެސް ހައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ބަގީގެ ހިދުމަތްވެސް މިއަހަރުގެ ހައްޖު މޫސުމުގައި ބޭނުންކުރުމަށް އާ ބަގީތަކެއް ގެނެސްފައިވާކަމަށާއި އަރަފާތުގައި ދިވެހިން ތިބުމަށް ހަމަޖެހިފައިވާ ފޭލިގެތައް ވެސް މިހާރު ވަނީ ނިމުމަކާ ހަމަޔަށް އައިސްފައިކަމަށް އެ ކޯޕްރޭޝަނުން ބުންޏެވެ.