ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ހަ މަސް ތެރޭ ޑީޕޯޓް ކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބިދޭސީންގެ މައުލޫމާތު އެއްކޮށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަސް ސަރުކާރުން އަންނަނީ "އޮޕަރޭޝަން ކުރަނގީގެ" ނަމުގައި ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ސައްހަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓުގައި މިވަގުތު ރާއްޖޭގައި ތިބެގެން މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 ޕަސަންޓު މީހުން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް ދިހަ އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި ނިމިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މި އަދަދު 17 ނޮވެމްބަރު 2023 ގައި ހުރީ 13 ޕަސަންޓުގައި ކަމަށާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތުގައި ކުރިއަށް އޮތް ހަ މަސް ދުވަހު ކުރެވޭނެ މަސައްކަތަކީ ބާކީ ތިބި މީހުން ހޯދާ ރާއްޖެއިން ޑިޕޯޓުކުރުމުގެ ހާއްސަ މަސައްކަތްތައް ކަމަށެވެ.

ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމަށް އޮޕަރޭޝަން ކުރަނގި ފަށާފައިވަނީ 2024 ގެ މެއި މަހުގެ 2 ވަނަ ދުވަހެވެ.

މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއްކުރުމެވެ.