ރެއާލް މެޑްރިޑްގެ ޑްރެސިން ރޫމް ތެރޭގައި، އޮރެލިއެން ޗުއަމެނީއާއި ފެޑެރީކޯ ވަލްވާޑޭ ތަޅައިގަނެ، ހިންގި މާރަމާރިގެ މައްސަލައިގައި ކޮންމެ ކުޅުންތެރިޔަކު ފަސް ލައްކަ ޔޫރޯއިން ޖޫރިމަނާކުރަން ކްލަބުން ނިންމައިފިއެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ރެއާލްގެ އެތެރޭގެ މައްސަލަތައް އިންތިހާއަށް ވަނީ ބޮޑުވެފައެވެ. މިވަގުތުވެސް ކިލިއަން އެމްބާޕޭ ކްލަބުން ބޭރު ކުރުމަށް ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކުރަމުންދާ އިރު، އެމްބާޕޭއާވެސް ގިނަ ކުޅުންތެރިންތަކެއް މައްސަލަ ޖެހިފައިވާ ކަމަށް ނޫސްތައް ބުނެއެވެ. އަދި ކޯޗު އަލްވާރޯ އާބެލޯއާއާ ބައެއް ކުޅުންތެރިން ޖައްސާލައިގެން އުޅޭ ކަމަށްވެސް ނޫސްތައް ބުނެއެވެ.
ސްޕެއިންގެ ނޫސްތަކުން ބުނީ ރެއާލްގެ ޑްރެސިން ރޫމްގައި ހިނގި މާރާމާރިގެ ސަބަބުން ވަލްވާޑޭއަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށެވެ. އެގޮތުން ވަލްވާޑޭ ބިންމައްޗަށް ވެއްޓުނު ވަގުތު، ތަޅުންގަނޑުގައި ޖެހި ވަރަށް ބޮޑަށް ބޯފަޅައިގެން ގޮސްފައިވާ ކަމަށްވެސް އިތުބާރު ނޫސްތައް ބުނެއެވެ.
އެ މައްސަލައިގައި ދެ ކުޅުންތެރިންވެސް ވަނީ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފައެވެ. އަދި އެކަމަކީ ހީކުރި ވަރަށްވުރެ މާ ކުޑަކޮށް ހިނގާ ދިޔަ ކަމެއް ކަމަށާއި، މީޑިއާއަށް އެކަން ލީކު ކޮށްލައިގެން އުޅެނީ ފޯކަސް ގެއްލުވާލަން ކަމަށްވެސް ދެ ކުޅުންތެރިން ބުނެފައިވެއެވެ.
ރެއާލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. މިއަދު ރެއާލުން ބުނީ އެ ކުޅުންތެރިންވެސް އެ މައްސަލަ ބަލަމުންދާ އިންވެސްޓިގޭޓަރާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ދެ ކުޅުންތެރިންވެސް މައާފަށް އެދި، މައްސަލަ ހައްލު ކޮށްފައިވާ ކަމަށް ކްލަބުން ބުނެފައިވެއެވެ.
ރެއާލުން ބުނީ މައްސަލައިގެ ބާވަތަށް ބަލައި ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށާއި، ދެ ކުޅުންތެރިންވެސް ޖޫރިމަނާ ކުރީ ފަސް ލައްކަ ޔޫރޯއިން ކަމަށެވެ.
ކްލަބުން މިއަދު ބުނީ ވަލްވާޑޭއަށް ލިބުނީ ކުޑަ އަނިޔާއެއް ކަމަށާއި، އޭނާއަށް އަނިޔާވީ ޖަހައިގެން ނޫން ކަމަށެވެ. އަދި އެެއީ ނޭނގި މޭޒެއް މަތިން ވެއްޓިގެން ލިބުނު އަނިޔާއެއް ކަމަށްވެސް ރެއާލުން ބުންޏެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް