އިންޑޮނޭޝިއާގައި އަލިފާން ފަރުބަދަ، "މައުންޓް ޑުކޯނޯ" ގޮވައި ތިން މީހަކު މަރުވެއްޖެއެވެ.

އިންޑޮނޭޝިއާގެ އުތުރުން އޮންނަ މަލުކޫ އައިލެންޑުގައި ހުރި އެ އަލިފާން ފަރުބަދަ ގޮވި ވަގުތު އެ ފަރުބަދައިގައި 20 މީހަކު ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިންގަޕޫރާއި އިންޑޮނޭޝިއާއަށް ނިސްބަތްވާ މީހުން ހިމެނޭ އެ ގުރޫޕު ހޯދުމަށް ރެސްކިއު ޓީމުތަކުން މަސައްކަތްކޮށް އެމީހުން ރައްކާތެރި ސަރަހައްދަކަށް ގެންގޮސްފައި ވާކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މަރުވެފައިވަނީ ސިންގަޕޫރަށް ނިސްބަތްވާ ދެމީހަކާއި އިންޑޮނޭޝިއާގެ މީހަކު ކަމަށް އޮފިޝަލުން ބުނެއެވެ.

މިދިޔަ މާޗްމަހު ވެސް 200 ވަރަކަށް ފަހަރު މި ފަރުބަދަ ގޮވާފައިވެއެވެ. އެފަރުބަދަ ގޮވައިފާނެ ކަމުގެ އިންޒާރާއެކު ފަރުބަދައަށް އެރުން ރައްކާތެރި ނޫން ކަމަށް މީގެ ކުރިން އިންޒާރުވެސް ނެރެފައިވެއެވެ.