މިހާރަކަށް އައިސް ބޭންކު ކާޑު ކުއްޔަށް ދޭ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން އެގޮތަށް ކުރުމަކީ ގާނޫނީ ކުށެއްކަމަށް ފުލުހުން ބުނެފިއެވެ.

އެންޓި ސްކޭމް ސެންޓަރުން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ބޭންކު އެކައުންޓް ކުއްޔަށް ދިނުމަކީ ކުށަކަށް މަގުފަހިވެދާނެ ކަމެއް ކަމަށެވެ. އެންޓި ސްކޭމް ސެންޓަރުން ބުނީ ޓިކްޓޮކް އަދި ޓެލެގްރާމްގައި "ބޭންކް އެކައުންޓް ކުއްޔަށް ނަގަނީ" ނުވަތަ "ފަސޭހައިން ލާރި ހޯދުމަށް އެކައުންޓް ދީ" ކަހަލަ ކަމަށް ބުނާ ޕޯސްޓުތައް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބޭންކު އެކައުންޓަކީ ތިމާ މީހާގެ އަމިއްލަ އެއްޗެއް ނަމަވެސް ބޭންކް އެކައުންޓާއި، އޭގެ ޕިން އަދި އޯޓީޕީއަކީ އެހެން މީހަކަށް ދިނުމަކީ ކޮށްގެންވާނެކަމެއް ނޫން ކަމަށެވެ. ބޭންކު ކާޑު ނުވަތަ އެކައުންޓް ކުއްޔަށް ދިނުމަކީ މަނީ ލޯންޑަރިން ފަދަ ބޮޑެތި ކުށްތަކަށް މަގުފަހިވާ ކަމެއްކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ. އެކަމުގެ ސަބަބުން ޖިނާއީ ދައުވާ އުފުލި، ބޭންކިން ހިދުމަތްތަކުން މަހްރޫމްވެގެން ދިޔުމަކީ އެކަށީގެންވާކަމެއްކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.

އެންޓި ސްކޭމް ސެންޓަރުން ބުނީ އެ މީހެއްގެ އެކައުންޓް ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތެއްގެ ޒިންމާ ނަންގަން ޖެހޭނީ ސީދާ އެކައުންޓުގެ ވެރިފަރާތުން ކަމަށެވެ. އަދި ބުނީ ބޭންކު އެކައުންޓް ކުއްޔަށް ދޭ މީހުންނާއި ކުއްޔަށް ނަގާ މީހުންނާ މެދު ފުލުހުންނާއި މާލީ އިދާރާތަކާއި ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.