(24 އޭޕްރީލްގެ އަދަދާ ގުޅޭ)

"މާތް ސާހިބާއެވެ!" އޭނާ ދެ އަތް ޖޯޑު ކޮށްފައި ދެންނެވިއެވެ. "އެބައިމީހުން އަޅުގަނޑު ބަނދެފައި ބައްތެއްޔަށް ވައްޓައިލީއެވެ. އަޅުގަނޑު ސަލާމަތް ކޮށްދިނީ ބަކަރި ހުއިހައްޕާ މީހެކެވެ. މި ހިސާބާ ތިންހަތަރު ކޯހެއްގެ ދުރުންނެވެ."

"ކަލޭ ބަނދެފައި ބައްތެއްޔަށް ވައްޓައިލީ ކާކުހެއްޔެވެ؟"

"މާތް ސާހިބާއެވެ! އަޅުގަނޑު ބެންނެވީ ޤައިދީއެވެ."

"ކޮން ތަނެއްގައި ކޮން އިރަކު ހެއްޔެވެ؟"

"މާތް ސާހިބާއެވެ! އަޅުގަނޑު އެންމެ ފުރަތަމަ އެ ހަތަރު މީހުން ބައްތެލީގައި އަނެއް ފަރާތަށް ..."

ޖޭކްރިޝަން ކަންބޮޑު ވެވަޑައިގެން ބަގަތުރާމުގެ ވާހަކަ ހުއްޓުވަމުން ވިދާޅުވިއެވެ. "އަހަރެން ތިޔަ ހާސަރުތައް އިރުއިރުކޮޅާ އަޑު އަހާކަށެއް ބޭނުމެއް ނޫނެވެ. ކަލޭ އިތުރު ވާހަކަތައް ނުދައްކައި ހަމައެކަނި އަހަރެންގެ ސުވާލުގެ ޖަވާބު ދޭށެވެ."

"މާތް ސާހިބާއެވެ! އަޅުގަނޑު މި އަރުވަނީ މަނިކުފާނުގެ ސުވާލުގެ ޖަވާބެވެ. ޕިޔާރޭލާލް ގާތު އަޅުގަނޑު ބުނީމެވެ. ބައްތެލި މިއޮތީ ވަރަށް ބޮޑަށް ދިޔަހިލިފައެވެ. އެހެންވީމާ ފުރަތަމަ ..."

ޖޭކްރިޝަން އޭނާގެ ނިތްކުރިފުޅުގައި އަތްތިލަފުޅުން ޖައްސަވައިލައްވައިފައި ވިދާޅުވިއެވެ. "މާތްކަލާނގެ ކަލެޔަށް ލަޢުނަތް ލައްވާށިއެވެ. އެންމެ ރަނގަޅެވެ. ތިޔަ ތަޅުވާ އަނގައެއް ތަޅުވަބަލާށެވެ!"

ބަގަތުރާމް ވާހަކަ ކުރިޔަށް ގެންދިޔައެވެ. "މާތް ސާހިބާއެވެ! އަޅުގަނޑު ފުރަތަމަ އަނެއް ފަރާތަށް ގެންދިޔައީ އެ ހަތަރު މީހުންނެވެ. ދެން އަޅުގަނޑު ޕިޔާރޭލާލާއި، ޖޭޗަންދާއި، ސީތާރާމާއި ޤައިދީއާ ބަލައި އައުމުން އެބައިމީހުން އެއްބައި ވެގެން އަޅުގަނޑުގެ ހަތަރެސްފައި ބަނދެލައިފިއެވެ. އެއަށްފަހު ބައްތެލި ކޯރުގެ ފުން ތަނަށް ކޮއްޕައިލައިފިއެވެ."

"އެބައިމީހުންނޭ ... ކާކޭ؟"

"މާތް ސާހިބާއެވެ! އެންމެ ފުރަތަމަ އަޅުގަނޑާ ޙަމަލަ ދެއްވީ ޤައިދީއެވެ. އޭނާ ހަމަލާ ދެއްވުމާ އެކު އެބައިމީހުން ވެސް މޫނު ނިވާ ކޮށްގެން އައިސް އޭނާއާ ބައިވެރި ވެއްޖެއެވެ."

"ކޮން ބައެއް ހެއްޔެވެ؟ ޕިޔާރޭލާލާއި އޭނާގެ ގާތުގައި ތިބި މީހުން ހެއްޔެވެ؟"

"އާދޭހެވެ! ސާހިބާއެވެ! އެތާކު އެހެން ބަޔަކު ނެތެވެ. ޤައިދީ ހުންނެވީ ހިތްޕުޅު ހަމަޖެހިވަޑައިގަތުމާ އެކު ކޯރުގެ އައްސޭރީގައެވެ. މޫނުފުޅު ދޮންނަވާށެވެ. އޭރު އެބައިމީހުން ތިބީ ކޯރުގެ އައްސޭރީގައި އިށީނދެލައިގެންނެވެ. ޤައިދީ އަޅުގަނޑާ ޙަމަލަ ދެއްވުމާ އެކު އެބައިމީހުން ވެސް ދުވެފައި އަތުވެއްޖެއެވެ. މޫނު ނިވައި ކޮށްގެން ތިބުމުގެ ސަބަބުން އަޅުގަނޑަކަށް އެބައިމީހުންގެ ސިފައެއް ނުފެނެއެވެ. ނަމަވެސް ސާހިބާއެވެ! ޕިޔާރޭލާލާއި ސީތާރާމާއި ޖޭޗަންދު ފިޔަވައި އެތާނގައި ތިބޭނީ އެހެން ކޮން ބައެއްތޯއެވެ؟"

"ގޮތްކުޑަ، ބަތާހަރާމް! އަހަރެން އެބައިމީހުން ކުއްތާތަކުގެ ކުރިމައްޗަށް އުކައިލާނަމެވެ. އަހަރެންގެ އަސް ތައްޔާރު ކުރާށެވެ. އަވަށުގައި ތިބި އަހަރެންގެ ހުރިހައި ސިފައިންނަށް ހަމަ މިހާރު އަސްމަތީގައި މިތަނަށް އަންނާން އަންގާށެވެ."

+ + + +

ޖޭކްރިޝަން ގަނޑުވަރުން ބޭރަށް ނުކުމެވަޑައިގެން އެންމެ ފުރަތަމަ ބޭރުގައި ހުންނަވައިގެން ސަވާރުންގެ ކުދިކުދި ޖަމާޢަތްތައް އެކި ދިމަދިމާޔަށް ފޮނުއްވިއެވެ. އެއަށްފަހު، ތިރީސް ސަވާރުން ގޮވައިގެން އޭނާ ވަޑައިގަތީ އުތުރު ފަރާތަށެވެ. ރަށާ ދޮޅު ކޯހެއްހައި ހިސާބުން އޭނާއަށް ޕިޔާރޭލާލާއި އޭނާއާ އެކުގައި ދިޔަ ދެ މީހުން އެ ދިމާޔަށް އަންނަތަން ފެނިވަޑައިގެންފިއެވެ. ޖޭކްރިޝަން އޭނާގެ ސިފައިންނަށް އިޝާރާތް ކޮށްލެއްވުމުން އެމީހުން ޕިޔާރޭލާލާއި އޭނާއާ އެކުގައި އައި ދެ މީހުން ވަށައިލައިފިއެވެ.

"ޤައިދީ ކޮބައިހެއްޔެވެ؟" ޖޭކްރިޝަން އެ ތިން މީހުންގެ ގާތަށް އޭނާގެ އަސް މަޑު ކުރައްވަމުން ވިދާޅުވިއެވެ.

"މާތް ސާހިބާއެވެ! އޭނާ ވަޑައިގެންފިއެވެ."

"ކޮން ތަނަކަށް ހެއްޔެވެ؟"

"އޭނާގެ ލަޝްކަރު އޮތް ތަނަށެވެ."

ޖޭކްރިޝަން އަސްމަތީން ފުންމައިލެއްވުމަށް ފަހު ތަނެއްދޮރެއް ނުބައްލަވައި ޕިޔާރޭލާލްގެ ގައިގައި އެއްތެލުގެ އަސައިން ތަޅުއްވައިގެންފިއެވެ. އޭނާ ހަޅޭއްލަވަމުން ގެންދެއެވެ. "މާތް ސާހިބާއެވެ! މާފު ކުރައްވާށެވެ! އަޅުގަނޑުމެންގެ އެއްވެސް ކުށެއް ނެތެވެ. އޭނާގެ އަރިހުގައި ބޮޑު ލަޝްކަރެއް އޮތެވެ. ސާހިބާއެވެ! މާތް ސާހިބާއެވެ! އެބައިމީހުންގެ ޢަދަދު ވަރަށް ގިނައެވެ. އެބައިމީހުން އައީ މި ރަށަށް ޙަމަލަ ދޭށެވެ. ކަލާކޮށްޓަކައި މާފު ކުރައްވާށެވެ. މާތް ސާހިބާއެވެ! ޖޭޗަންދާއި ސީތާރާމާ ސުވާލު ކުރައްވާށެވެ."

ޖޭކްރިޝަން ޖޭޗަންދާއި ސީތާރާމާ ދިމާ ކޮށްލައްވައިފިއެވެ. ޖޭކްރިޝަންގެ ކޯފާ މަޑު ވުމުން ޕިޔާރޭލާލް އޭނާގެ ފައިތިލަފުޅުމައްޗަށް ވެއްޓިގެންފައި ދެންނެވިއެވެ. "މާތް ސާހިބާއެވެ! ކޯރުގެ އައްސޭރީން އެބައިމީހުން އަޅުގަނޑުމެންނާ ޙަމަލަ ދިނީ ވަރަށް ކުއްލި ގޮތަކަށެވެ. އަޅުގަނޑުމެންނަށް ކަނޑީގައި އަތް ލެވޭނެ ވަގުތެއް ވެސް ނުލިބުނެވެ. އޭނާ އަޅުގަނޑުމެން ހައްޔަރު ކުރައްވައިގެން ގެންދެވީ ޖަންގައްޔަށެވެ. އެތާނގައި އަޅުގަނޑުމެން ގަސްތަކެއްގައި ބަނދެލެއްވިއެވެ. އަޅުގަނޑުމެންގެ އަނގަމަތީގައި ހުރީ ފޮތި ބަނދެފައެވެ. އެހެންކަމުން އަޅުގަނޑުމެންނަކަށް އެއްވެސް މީހަކަށް ގޮވައެއްވެސްނުލެވުނެވެ. އަޅުގަނޑުމެން ގަސްގަހުގައި ބަނދެފައި ތިއްބައި ސަލާމަތް ކުރީ ދެންމެ އެތަނަށް ދިޔަ ބަކަރި ހުއިހައްޕާ މީހެކެވެ."

"ކަލޭ ދޮގު ހަދަނީއެވެ. ކަލޭ އޭނާއާ ބައިވެރި ވީއެވެ. އޭނާ ފިލުވައިފައި ކަލޭ ތިޔަ އުޅެނީ އަހަރެން މޮޔަ ހައްދާން ވެގެންނެވެ. އަހަރެން ކަލޭމެން އެންމެން ދިރިތިއްބައި ވަޅުލާނަމެވެ. ތެދަށް ބުނާށެވެ. ކަލޭމެން ޤައިދީ ފޮރުވީ ކޮންތާކު ހެއްޔެވެ؟"

"މާތް ސާހިބާއެވެ! ކަލާނގެ ރަސްކަންފުޅު ގަންދީ ދަންނަވަމެވެ. އަޅުގަނޑު މި ދަންނަވަނީ ހަމަ ތެދެކެވެ. މަނިކުފާނު އެ ބަކަރ ހުއިހައްޕާ ކަލޭގެއާ ސުވާލު ކުރައްވާށެވެ. އޭނާ އަދިވެސް އެތާނގައި އުޅޭނެއެވެ."

ޖޭކްރިޝަން ހިސާބަކަށް ހިމޭން ވެވަޑައިގެން ވިދާޅުވިއެވެ. "ކަލޭ ތެދު ބުނާކަމަށް ވާނަމަ ބުނެބަލާށެވެ. ޤައިދީ ދިޔައީ ކޮން ދިމާޔަކަށް ހެއްޔެވެ؟"

"މާތް ސާހިބާއެވެ! އޭނާގެ އަރިހުގައި އޭނާގެ އަސް ވެސް އޮތެވެ. އޭނާ ޖަންގަލީގެ ތެރެޔަށް ގެއްލިވަޑައިގެންފިއެވެ. އަޅުގަނޑުމެން ހައްޔަރު ކުރެއްވުމަށް ފަހު އޭނާ އޭނާގެ އެކުވެރީން ގާތު ވިދާޅުވިއެވެ. ކަލޭމެންގެ އަސްމަތީގައި ގޮސް ލަޝްކަރާ ބައްދަލު ކުރާށެވެ. އަހަރެން ވެސް އެތަނަށް ދާނަމެވެ. އެއަށްފަހު އޭނާ އާއި އޭނާގެ އެހެން ކޮންމެވެސް އެކުވެރިޔަކާ އަޅުގަނޑުމެން އަހުގައި ބަންނަވައިގެން ގެންދެވީ ޖަންގަލީގެ ތެރެޔަށެވެ. މާތް ސާހިބާއެވެ! އޭނާގެ ލަޝްކަރު ކޮންމެވެސް ތަނަކަށް ނުދާ ނަމަ ވާނީ ޖަންގަލީގެ ތެރޭގައެވެ. ސާހިބާއެވެ. އެބައިމީހުން މި ހިސާބުގައި ހިނގައިއުޅެނީ ރަށްފުށު މީހުންގެ ހެދުމުގައެވެ. އެބައިމީހުން ކޮންމެ ވަގުތަކު ވެސް އަޅުގަނޑުމެންނާ ކުއްލި ޙަމަލައެއް ދީފާނެތީ އަޅުގަނޑު ބިރު ގަނެއެވެ."

ޖޭކްރިޝަން ސުވާލު ކުރެއްވިއެވެ. "ކަލެޔަށް ހީވާ ގޮތުގައި އޭނާގެ ގާތުގައި ތިބޭނީ ކިތައް މީހުން ހެއްޔެވެ؟"

ޕިޔާރޭލާލް ޖަވާބު ދިނެވެ. "މާތް ސާހިބާއެވެ! އަޅުގަނޑުމެން ދުށީ ދިހަވަރަކަށް މީހުންނެވެ. ނަމަވެސް އޭނާގެ ވާހަކަފުޅުން އެނގުނު ގޮތުގައި އޭނާގެ އަރިހުގައި ވަނީ ވަރަށް ބޮޑު ލަޝްކަރެކެވެ."

ޖޭކްރިޝަން ހަޅޭއްފުޅު ލައްވަވައިގެންނެވިއެވެ. "ކަލެޔަކީ ހުރިގޮތަށް ހުރި ހިމާރެކެވެ. އޭނާ ތިޔަހެން ވިދާޅުވިކަމުގައި ވާނީ ކަލޭމެން ސޭކު ހައްދަވާން ވެގެންނެވެ. އޭނާ އެހައި ދުރުން ބޮޑު ލަޝްކަރެއް ގޮވައިގެން ވަޑައިގެންނެވި އިރު ނަންދުނާއިން ފެށިގެން މިހައިތަނަށް އެއްވެސް މީހަކަށް ޚަބަރެއް ވެސް ނުވުމަކީ ކިހިނަކުން އެކަށީގެންވާ ކަމެއްހެއްޔެވެ؟ އަނެއްކާ އޭނާއާ އެކު ތިޔަހައި ބޮޑު ލަޝްކަރެއް އޮތްނަމަ އޭނާ ގަނޑުވަރަށް ޙަމަލަ ނުދެއްވީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ އަރިހުގައި ތިބޭނީ ކަލޭގެ ތިޔަ ދުށް މީހުންކޮޅު އެކަންޏެވެ."

އެ ވަގުތު އަސްވާރަކު ދަންނަވައިފިއެވެ. "މާތް ސާހިބާއެވެ! މަނިކުފާނު ހިތްޕުޅު ހަމަޖައްސަވާށެވެ. އަޅުގަނޑުމެން ހަމަ މިހާރު އޭނާ އޮންނެވި ތަނަކުން ހޯދައިގެން ނެރޭނޫއެވެ."

ނަމަވެސް ޖޭކްރިޝަން ހުންނެވީ ހަމައެކަނި އޭނާގެ އަމިއްލަފުޅު ބާރުގައި ޖަންގަލީގައި ފައިންޕުޅު ބީއްސަވާން ވެސް ތައްޔާރަކަށެއް ނޫނެވެ. އޭނާ އަސްވާރުންގެ ބަޔަކު ކައިރި ހިސާބުހިސާބުގެ އަމީރުންގެ އަރިޔަހަށް ފޮނުއްވައިފިއެވެ. އޭނާ އެބޭފުޅުންނަށް އެންގެވިއެވެ. "محمود غزنوی ގެ ޖާސޫސުންގެ ބަޔަކު މި ޖަންގަލީގައި ފިލައިގެން އެބައުޅެއެވެ. ވީމާ ތިޔަ ބޭފުޅުން ލަޝްކަރާއިގެން އަވަހަށް ވަޑައިގަންނަވާށެވެ." އެޔަށްފަހު ޖޭކްރިޝަން އޭނާގެ ސިފައިންނަށް އެންގެވިއެވެ. "ތިޔަބައިމީހުން ހަމައެކަނި މި ޖަންގަލީގެ ވަށައިގެން ފޯރި މަރަމުންގެންދާށެވެ. އެބައިމީހުން މިހާތަނަށް ޖަންގަލި ހުރަސް ނުކުރާ ނަމަ އިރު އޮއްސުމުގެ ކުރިޔަކު ބޭރަކަށް ނުނުކުންނާނެއެވެ. އެހައިއިރަށް ހުރިހައި އަމީރުންގެ ލަޝްކަރުތައް ޖަމާ ވެދާނެއެވެ. އަހަރެމެންނަށް މިއަދު ހަވީރު ހޯދާން ފެށޭގޮތް ނުވެއްޖެ ކަމުގައި ވާނަމަ މާދަމާ ހެނދުނު ދުނިޔެމައްޗަށް އިރު ފަޅައިލުމާ އެކު ހޯދާން ފަށާނީއެވެ. ކަލޭމެން ކުރެ އެއްވެސް މީހެއްގެ ޣާފިލުކަމުގެ ސަބަބުން އެބައިމީހުން ފިލައިގެން ހިނގައްޖެނަމަ އަހަރެން ކަލޭމެންނަށް ވަރަށް ބޮޑު އަދަބު ދޭނަމެވެ. ކަލޭމެން މި ޖަންގަލީގެ ކައިރީން ފެންނަ ކޮންމެ ދަޑުވެރިއަކާއި، ގެރިބަކަރި ހުއިހައްޕާ މީހަކު ކުރެން އެބައިމީހުންގެ ޚަބަރު އަހަމުން ގެންދާށެވެ. އަހަރެން ރައްކައުތެރި ވުމުގެ ގޮތުން ގަނޑުވަރާއި ރަށް ޙިމާޔަތް ކުރުމުގެ އިންތިޒާމު ހަމަޖައްސައިފައި އަންނާނަމެވެ. ޕިޔާރޭލާލެވެ. ކަލޭ އަހަރެން މިބުނާ އެއްޗެއް ނިކަން ތޫނު ކަންފަތަކުން އަޑުއަހާށެވެ. ކަލޭގެ ފަރާތުން އިތުރު މޮޔަކަމެއް ފެނިއްޖެ ކަމުގައި ވާނަމަ، އަހަރެން ކަލޭ މި ޖަންގަލީގެ ކޮންމެވެސް ގަހެއްގައި އެލުވާނަމެވެ. ކަލޭ ކޮންމެވެސް މީހެއްގެ އަތުން އަހެއް އަތުލާށެވެ. އިތުރު ދެތިން ސަވާރުން ގޮވައިގެން ޖަންގަލީގެ އަނެއް ފަރާތަށް ގޮސް ކައިރިކައިރީގެ ހުރިހައި އަވަށެއްގެ މީހުންނަށް ހުޝިޔާރު ވެތިބުމަށް އަންގާށެވެ. އެބައިމީހުންގެ ގާތުގައި ބުނާށެވެ. ރަންބީރާއި އޭނާގެ އެކުވެރީން ދިރިތިއްބައި ހައްޔަރު ކޮށްދިން ނުވަތަ ޤަތުލު ކޮށްދިން މީހެއްގެ އުނގު ރަންރިހީން ފުރައިދޭނަމެވެ."

+ + + +

އިރު އޮއްސޭން ކައިރި ވީއިރު ޕިޔާރޭލާލާއި ބަގަތުރާމާ ދެ މީހުން ތިބީ ޖަންގަލީގެ ކައިރީގައި އޮތް ދަނޑެއްގައި ވާހަކަ ދައްކާން އިށީނދެލައިގެންނެވެ. އެބައިމީހުންގެ ވާތްކަނާތް ފަރާތުން އަވަށުގެ މީހުން ކުދިކުދި ޖަމާޢަތްޖަމާޢަތަށް އެކި ކޮޅުކޮޅަށް ބުރު ޖަހަޖަހައި ތިއްބެވެ.

(ނުނިމޭ)