ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރު މަރުވިކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ދޮގު ހަބަރުތައް އޭނާ ދޮގުކޮށްފިއެވެ. އަދި އޭނާގެ ސިއްހަތު ރަނގަޅުކަން ކަށަވަރުކޮށްދީ، މި ދޮގު ހަބަރު ފެތުރި ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އޭނާ ވަނީ ދީފައެވެ.
އުމުރުން 73 އަހަރުގެ އެކްޓަރު މަރުވިކަމުގެ ދޮގު ހަބަރުތަކެއް ފެތުރި، އޭނާގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނިކޮށް، ބުރާސްފަތި ދުވަހު އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރި ވީޑިއޯއެއްގައި އޭނާ ވަނީ މިކަމާ ގުޅިގެން ނުރުހުން ފާޅުކޮށްފައެވެ.
މި ވީޑިއޯގައި ޝަކްތީ ކަޕޫރު ބުނިގޮތުގައި އޭނާ މަރުވިކަމަށް ފަތުރަމުންދާ ހަބަރަކީ ކަނޑައެޅިގެން ދޮގެކެވެ. “އަހަރެން މިހުރީ ވަރަށް ސިއްހަތު ރަނގަޅަށް، އުފާވެރިކޮށް. އެ ހަބަރުތަކަށް ސަމާލުކަން ނުދެއްވާ! އަހަރެން މި މައްސަލަ ސައިބަރ ކްރައިމްއަށް ހުށަހަޅާނަން. މިއީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން،” ޝަކްތީގެ ޕޯސްޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން މީހެއްގެ މަރު ފަދަ ނާޒުކު މައްސަލަތަކުގައި މީސްމީޑިއާގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.
ފަހަކަށް އައިސް މީސްމީޑިއާގައި މަޝްހޫރު ތަރިން މަރުވިކަމުގެ ދޮގު ހަބަރުތައް ފެތުރުމަކީ އާންމުވަމުންދާ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. މިފަދަ ދޮގު ހަބަރުތަކުގެ ސަބަބުން ސަޕޯޓަރުންނަށް ހާސްކަން ކުރިމަތިވުމުގެ އިތުރުން، އެ ތަރިންގެ އާއިލާތަކަށާއި ގާތްތިމާގެ މީހުންނަށް ނަފްސާނީ ގޮތުން ފުން އަސަރުތަކެއް ކުރެއެވެ.
ޝަކްތީ ކަޕޫރުގެ މި ވީޑިއޯއާއެކު އޭނާގެ ސަޕޯޓަރުންނަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. އަދި ގިނަ ބަޔަކު އަންނަނީ އޭނާއަށް ހެޔޮއެދުންތައް ފޮނުވައި، ދޮގު ހަބަރު ފެތުރި ފަރާތްތައް ކުށްވެރިކުރަމުންނެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް