ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއަކީ ފީފާއެވެ. ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ވޯލްޑް ކަޕް ބާއްވަނީ ފީފާއިންނެވެ. ފީފާގެ މެންބަރު އެސޯސިއޭޝަންތަކުގެ އަދަދަކީ މިވަގުތު 211 އެވެ. އޭގެތެރޭގައި މިނިވަން ނޫން ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތައްވެސް ހިމެނެއެވެ. އޭޝިޔާއަށް ބަލާއިރު ހޮންގްކޮންގާއި މެކާއޫ އަދި ފަލަސްތީނަކީ އެފަދަ އެސޯސިއޭޝަންތަކެވެ. މިދެންނެވި 211 އެސޯސިއޭޝަން ބެހިގެންވަނީ ޖުމްލަ ހަ ކޮންފެޑެރޭޝަނުގެ މައްޗަށެވެ. ފީފާ އެކުލެވިގެންވަނީ މި ފެޑެރޭޝަންތަކުގެ މައްޗަށެވެ. ކޮންމެ ފެޑެރޭޝަނެއްވެސް ނިސްބަތްވަނީ ތަފާތު ކޮންޓިނެންޓަކަށެވެ. ބައްރަކަށެވެ. އެންމެ ބޮޑު ކޮންފެޑެރޭޝަނަކީ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް، ސީއޭއެފް އެވެ. އެ ކޮންފެޑެރޭޝަނުގައި 54 ފުލް މެންބަރުންނާއި 2 އެސޯސިއޭޓް މެންބަރުން ހިމެނެއެވެ. ޖުމްލަ 55 މެންބަރުންނާއެކު ދެވަނައަށް އެންމެ ބޮޑު ކޮންފެޑެރޭޝަނަކީ ޔުނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަންސް، ޔުއޭފާއެވެ.

އޭޝިއާ ބައްރުގެ ކޮންފެޑެރޭޝަނަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން، އޭފްސީއެވެ. މެންބަރު އެސޯސިއޭޝަންތަކުގެ އަދަދު 47 އެވެ. މިދެންނެވި ހުރިހާ ކޮންފެޑެރޭޝަނުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް އެކުލެވޭ ކޮންފެޑެރޭޝަނަކީ އޭއެފްސީއެވެ. މިއަހަރު އުތުރު އެމެރިކާ ބައްރުގެ ތިން ގައުމެއްގައި ބާއްވާ ވޯލްޑް ކަޕަކީ ތޭވީސްވަނަ ވޯލްޑް ކަޕެވެ. މިހާތަނަށް ބާވީސް ވޯލްޑް ކަޕް ބޭއްވިފައިވާއިރު އާބާދީ އެންމެބޮޑު އޭޝިއާގެ އެއްވެސް ގައުމެއްގެ ބައިވެރިވުމެއްނެތި ހަތް ވޯލްޑް ކަޕް ކުޅެފިއެވެ. އިތުރު ފަސް ވޯލްޑް ކަޕް ކުޅެފައިވަނީ އޭޝިއާގެ އެންމެ ގައުމެއް ބައިވެރިކޮށްގެންނެވެ. އެހެންނަމަވެސް 1982 ވަނަ އަހަރުން ފެށިގެން ކޮންމެ ވޯލްޑް ކަޕަކުންވެސް އޭޝިއާގެ އެއް ގައުމަށްވުރެ ގިނަ ގައުމު ފެނެއެވެ. ޖުމްލަ ދެ ފަހަރަކު އޭޝިއާގައިވެސް ވޯލްޑް ކަޕް ކުޅެފިއެވެ. އެއީ 2002 ވަނަ އަހަރު ޖަޕާނާއި ދެކުނު ކޮރެޔާގައި ކުޅުނު ފަހަރާއި 2022 ގައި ގަތަރުގައި ކުޅުނު ފަހަރެވެ. އޭޝިއާއަށް ނިސްބަތްވާ ޓީމުތަކުގެ ތެރެއިން ވޯލްޑް ކަޕުގައި އެންމެ ކާމިޔާބު ޓީމަކީ ދެކުނު ކޮރެޔާއެވެ.

ދެކުނު ކޮރެޔާއަށް އޭޝިއާގެ ދެ ރިކޯޑެއް ލިބިފައިވެއެވެ. އެއް ރިކޯޑަކީ އެންމެ ގިނައިން ވޯލްޑްކަޕުގައި ކުޅެފައިވާ އޭޝިއާގެ ޓީމުކަމަށް ވުމުގެ ރިކޯޑެވެ. ޖުމްލަ އެގާރަ ވޯލްޑްކަޕުގައި ކުޅެފައިވެއެވެ. މިފަހަރަކީ ދެކުނު ކޮރެޔާގެ ބާރަ ވަނަ ވޯލްޑްކަޕެވެ. އަނެއް ރިކޯޑަކީ ވޯލްޑްކަޕްގެ ސެމީފައިނަލުގައި މިހާތަނަށް ކުޅެފައިވާ އޭޝިއާގެ ހަމައެކަނި ޓީމުކަމަށް ވުމުގެ ރިކޯޑެވެ. ދެކުނު ކޮރެޔާއަށް 2002 ގެ ވޯލްޑް ކަޕުގައި ލިބުނީ ހަތަރުވަނައެވެ.

އޭޝިއާ ތަމްސީލުކުރާ ޓީމުތަކުގެ އަދަދު 1998 ވަނަ އަހަރުން ފެށިގެން 2014 ގެ ނިޔަލަށް ހަތަރެކެވެ. ދެން 2018 ގައި އެއަދަދު ފަހަކަށް ބަދަލުވެފައި ދެން އެންމެފަހުން 2022 ގައި އޭޝިއާގެ ޖުމްލަ ހަ ޓީމު ކުޅެފައިވެއެވެ. އޭގެ ހަތަރު އަހަރު ފަހުން މިފަހަރު އޭޝިއާގެ ޖުމްލަ ނުވަ ޓީމު ކުޅޭނެއެވެ. އެއީ އޭޝިއާގެ ޒޯން ކޮލިފައިންގެ ތެރެއިން ސީދާކޮށް ކޮލިފައިވި އަށް ޓީމާއި އެހެން ކޮންފެޑެރޭޝަނެއްގެ ޓީމަކާއެކު ޕްލޭއޮފް ކުޅެގެން ނުސީދާކޮށް ކޮލިފައިވެފައިވާ ޓީމެކެވެ.

މިދެންނެވި ނުވަ ޓީމަކީ ޖަޕާން، އީރާން، ދެކުނު ކޮރެޔާ، އޮސްޓްރޭލިޔާ، ސައޫދީ އަރަބިޔާ، ގަތަރު، އިރާގު، ޖޯޑަން އަދި އުޒްބެކިސްތާނެވެ. މީގެ ތެރެއިން އޮސްޓްރޭލިޔާއަކީ ޖިއޮގްރަފިކަލް ގޮތުން އޭޝިއާގެ ގައުމަކަށް ނުވިޔަސް 2006 ވަނަ އަހަރުން ފެށިގެން އެއީ އޭއެފްސީގެ މެންބަރު ގައުމެކެވެ. އެގޮތުން އޭޝިއާގެ ފުޓްބޯޅަ އާއިލާގެ މެންބަރެކެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި އޭޝިއާ ތަމްސީލުކުރާ ނުވަ ގައުމުގެ ތެރެއިން ދެ ގައުމަކީ މުޅިން އަލަށް ވޯލްޑް ކަޕުގައި ކުޅޭ ދެ ގައުމެވެ. މުޅިން އަލަށް ކޮލިފައިވެފައިވާ ދެ ގައުމެވެ. އެ ދެ ގައުމަކީ އުޒްބެކިސްތާނާއި ޖޯޑަނެވެ. ކޮންމެއަކަސް މިފަހަރުގެ ވޯލްޑް ކަޕުގައި އޭޝިއާއަކީ ތިންވަނައަށް އެންމެ ގިނަ ޓީމު ނިސްބަތްވާ ބައްރެވެ. އެންމެ ގިނަ ޓީމު ނިސްބަތްވާނީ ދެންވެސް ޔޫރަޕަށެވެ. ޔުއޭފާއަށެވެ. ޔުއޭފާގެ ސޯޅަ މެންބަރުން މިފަހަރުވެސް ކުޅޭނެއެވެ. ދެން އެންމެ ގިނަ ޓީމު ނިސްބަތްވާނީ އެފްރިކާއަށެވެ. އެފްރިކާގެ ޖުމްލަ ދިހަ ޓީމު މިފަހަރު ފެނިގެންދާނެއެވެ.

ވޯލްޑް ކަޕުގައި ފަހަކަށްއައިސް އެއް އަހަރުން އަނެއް އަހަރަށް އޭޝިޔާގެ ޓީމުތައް ގިނަވުމުގެ ސިއްރަކީ އޭޝިޔާގެ އާބާދީ ބޮޑުވުމެއް ނޫނެވެ. އެންމެ ބޯގިނަ ކޮންފެޑެރޭޝަނަކީ އޭއެފްސީ ކަމަށް ވެގެނަކުން ނޫނެވެ. އަދި ފުޓްބޯޅައިގެ ފެންވަރު އޭޝިޔާގައި މަތިވުމުގެ ސަބަބަކުންވެސް ނޫނެވެ. އެންމެ ބޮޑު ސަބަބަކީ ފައިސާއެވެ. ފުޓްބޯޅަޔަކީ ވިޔަފާރިއެކެވެ. އެވިޔަފާރިން އެންމެ ބޮޑު މަންފާއެއް ފީފާއަށް ނެރެވެނީ އޭޝިއާގެ ތެރެއިންނެވެ. ވޯލްޑް ކަޕަށް އެންމެ ބޮޑު މާކެޓެއް އޮތީ އޭޝިއާގަައެވެ. ފީފާގެ ތިޖޫރީތައް ފުރާލަދެނީ އޭޝިއާގެ މީހުންނެވެ. ފީފާއަށް އެންމެބޮޑު މަންފާއެއް ލިބެނީ އޭޝިއާއިންނެވެ. އެހެންބަޔަކަށް ކައިރިވެސް ނުކުރެވެއެވެ. މި ސަބަބަށްޓަކައި އޭޝިއާގެ ނުފޫޒު ވަރުގަދަވަމުން ފުޅާވަމުން އަންނަނީއެވެ. ރިކޯޑް އަދަދަކަށް އޭޝިއާގެ ޓީމުތައް މިފަހަރުގެ ވޯލްޑް ކަޕުން ފެނުމުގެ ސިއްރަކީ އެއީއެވެ.