ހުއްދަ ނުނަގައި ރާއްޖޭގެ ސަރަހައްދަށް ވަން ދެ ބޯޓުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ހުއްދަ ނުނަގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ އެ ބޯޓެއް ވަދެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މުންދު ވިދާޅުވީ، ރާއްޖޭގެ މެރިޓައިމް ގާނޫނުގެ ދަށުން އެ ދެ ބޯޓަށް އަންގަން ޖެހޭ އެންގުންތައް އެންގި ކަމަށާއި ނަމަވެސް އެެކަމަށް ޖަވާބެއް ނުލިބޭ ކަމަށެވެ.

މުންދު ވިދާޅުވީ، އެ ބޯޓުތައް ރާއްޖެ ވަން ސަބަބެއް މިހާތަނަށް އަދި ސާފު ނުވިނަމަވެސް ހުއްދަ ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާތީ އެ މައްސަލަ ޖޮއިންޓު އިންވެސްޓިގޭޝަނެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

"މަލްޓި އެޖެންސީ ގޮތަށް ތަހުގީގުކުރަމުން އެބަދޭ. އެމްއެންޑީއެފާއި ފުލުހުންނާއި ކަސްޓަމަސް ގުޅިގެން" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެ އުޅަނދުތައް ވަން ނަމަވެސް އޭގެން ނުރައްކާތެރި އެއްވެސް އެއްޗެއް އެތެރެވިކަން އެނގިފައިނުވާ ކަމަށެވެ.

މީގެ އިތުރުން މުންދު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދެއް ކަމުން ކަނޑުގެ ސަރަަހައްދު ބެލެހެއްޓުމަކީ އުނދަގޫ މަސައްކަތެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރާނެ ކަމަށެވެ.