ރާއްޖޭގައި އަލަށް ފެށި ބަންކަރިންގެ ހިދުމަތުން މިހާތަނަށް ދައުލަތަށް ބިލިއަނެއްހާ ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ބަންކަރިންގެ ހިދުމަތުން މިދިޔަ އޭޕްރީލްގެ ނިޔަލަށް ދައުލަތަށް 923.46 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ

"ދެ އަހަރެއް ތެރޭގައި އަދި ބަނދަރު ނެތި، މި ފެށުނު މަސައްކަތުން ގާތްގަނޑަކަށް އެއްބިލިއަން ރުފިޔާއާ ހިސާބަށް މިހާރު އާމްދަނީ އިތުރުވެގެން މި އައީ. ދެން ތިޔަބޭފުޅުން އުފައްދަވާފާނެ ސުވާލެއް، ތިއީ ރާއްޖެއަށް ގެންނަ ތެލެއް ނޫންހޭ އެހެންޏާ ވެސް، ނޫން، އެހެންޏާ ގެންނަ ތެލެއް ނޫން އެއީކީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްްޓަރު ވިދާޅުވީ، ބަންކަރިންގެ ހިދުމަތަށް ބޭނުންކުރާ ތެލުގެ 90 ޕަސަންޓު ތެލަކީ ރާއްޖެއަށް މުޅިން އަލަށް ގެންނަ ތެޔޮކަމަށެވެ.

ބަންކަރިން ހިދުމަތް ފެށި ފަހުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ރާއްޖެއަށް އަލަށް އެތެރެކޮށް ވިއްކަން ފެށި، ލޯ ސަލްފަ އޮއިލްއިނެވެ.

އެސްޓީއޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައިފުރަތަމަ ކުއާޓަރުގައި ބަންކަރިންގެ ތެރެއިން ވިއްކި ތެލުގެ މިންވަރު މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު 18 މިލިޔަން ލީޓަރު އިތުރުވެފައެވެ.