ރެފްރީއަކާ ދިމާކޮށްލުމުގެ މައްސަލައެއްގައި ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ކްލަބު، އެފްސީ އެންޑޯރާގެ ކޯ އޯނަރު، ބާސެލޯނާގެ ލެޖެންޑް ޖެރާޑް ޕީކޭ ދެ މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ނިންމައިފިއެވެ.

ކުރިން ބާސެލޯނާއާއި ސްޕެއިނާއެކު ކާމިޔާބީތައް ހޯދާފައިވާ ޕީކޭ ދެ މަހަށް ފުޓުބޯޅައިން ސަސްޕެންޑް ކުރުމަށް ސްޕެއިންގެ ފުޓުބޯޅަ އިދާރާއިން ނިންމާފައި ވަނީ އެންޑޯރާއިން 1-0 އިން އަމިއްލަ ދަނޑުގައި އަލްބަސެޓޭ ކައިރިން ބަލިވި މެޗަށްފަހު އެމެޗުގެ ރެފްރީ އެލޯންސޯ ޑެ އެނާ ވުލްފަށް އިންޒާރު ދިނުމުން ކަމަށް ސްޕެއިން ނޫސްތައް ބުނެއެވެ.

ޕީކޭގެ އިތުރުން އެ ކްލަބުގެ އެހެން ބައެއް އޮފިޝަލުންނަށްވެސް ސްޕެއިން އެފްއޭއިން ފިޔަވަޅު އެޅިއެވެ. އެގޮތުން ކްލަބުގެ ރައީސް، ފެރާން ވިލަސެސްކާއާއި ސްޕޯޓިން ޑިރެކްޓަރު ޖޯމޭ ނޮގޫސްއަށްވެސް އަދަބު ދީފައިވެއެވެ.

ކްލަބު ރައީސް ވިލަސެސްކާ ހަތަރު މަހަށް ސަސްޕެންޑް ކުރި އިރު، ސްޕޯޓިން ޑިރެކްޓަރަށްވެސް ވަނީ ދެ މަހުގެ ސަސްޕެންޝަނާއެކު ހަ މެޗަށް ނުވަދެވޭނެ އަދަބެއް ދީފައެވެ.

ސްޕެއިން އެފްއޭގެ ޑިސިޕްލިނަރީ ކޮމިޓީން އަންގާފައި ވަނީ ކުރިއަށް އޮތް ދެމެޗަށް އެންޑޯރާގެ ވީއައިޕީ ބޮކްސް ބަންދު ކުރުމާއެކު އެ ކްލަބު 1500 ޔޫރޯއިން ޖޫރިމަނާވެސް ކުރުމަށެވެ.