އެމެރިކާއާއި މެކްސީކޯގެ އިތުރުން ކެނެޑާގައި ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ ހޯސްޓް ގައުމެއް ކަމަށް މެކްސިކޯގެ ތަމްރީނުތަކަށް ހުރަސްތަކަކާ ދިމާވެއްޖެއެވެ.
މެކްސިކޯ ފުޓުބޯޅަ އިދާރާއިން ރާވާފައި ވަނީ މިއަދު، އެގައުމުގެ ގައުމީ ޓީމުން ވޯލްޑް ކަޕަށް ތައްޔާރުވާން ހާއްސަ ކޭމްޕެއް ފެށުމަށެވެ. އެހެން ނަމަވެސް ކްލަބުތަކަށް އަދިވެސް ސީޒަން ނިމިފައެއް ނުވެއެވެ. އެގޮތުން ޑޮމެސްޓިކް ލީގު އޮތް ގޮތުން ލީގާ އެމްއެކްސް ކްލައުސޫރާގެ މެޗުތައް އަދިވެސް ކުރިއަށް އެބަދެއެވެ. އެ މުބާރާތުގައި ކުރިއަށް ދަނީ ނޮކްއައުޓް ސްޓޭޖެވެ.
އޭގެ އިތުރުން މެކްސިކޯގެ ކްލަބެއް ކަމަށްވާ ޓޮލޫކާ އޮތީ ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކޮންކަކަފް ޗެމްޕިއަންސްގެ ސެމީ ފައިނަލުގައެވެ. ސެމީ ފައިނަލް ފުރަތަމަ ލެގުން 2-1 އިން ބަލިވެފައި އޮތް އިރު، ދެވަނަ ލެގުގެ ކުޅުން އަދި ކުރިއަށް އެބައޮތެވެ.
މެކްސިކޯގެ ގައުމީ ޓީމުގެ ކޯޗު ހާވިއޭ އަގުއިރޭ، ގައުމީ ސްކޮޑު އިއުލާނުކޮށްފައިވާ އިރު، ފުރަތަމަ ކްލަބުތަކުން ވަނީ މިއަދުން ފެށިގެން ކުޅުންތެރިންނަށް ރިލީސް ދޭނެ ކަމަށް ނިންމާފައެވެ. އެހެން ނަމަވެސް މައްސަލަ ޖެހުނީ ޓޮލޫކާގެ ސެމީ ފައިނަލް ދެވަނަ ލެގަށް އެ ކްލަބަށް ކުޅޭ، ގައުމީ ޓީމުގެ އެލެކްސިސް ވޭގާއާއި ޖީސަސް ގަލާޑޯއަށް ކްލަބުގައި މަޑުކުރުމަށް ފެޑަރޭޝަނުން ހާއްސަ ހުއްދައެއް ދިނުމުނެނެވެ.
އެ ހުއްދައާއެކު އެހެން ކްލަބުތަކުން ނުރުހުން ފާޅުކުރިއެވެ. ހާއްސަކޮށް ގުއަޑަލަހާރާއިން ލީގާ އެމްއެކްސް ކްލައުސޫރާގެ ކުއާޓާ ފައިނަލަށް ގައުމީ ޓީމުގެ ކުޅުންތެރިން ބޭނުންވާ ކަމަށްބުނެ، ރިލީސް ނުދޭން ވިސްނާ ކަމަށް ބުންޏެވެ. އެ ކްލަބުގެ ހަ ކުޅުންތެރިން ގައުމީ ޓީމުގައި ހިމެނެއެވެ.
އެ މައްސަލަގަނޑާ ހެދި، މެކްސިކޯ ފުޓުބޯޅަ އިދާރާއިން ބުނީ އެއްވެސް ކްލަބެއްގެ އެއްވެސް ކުޅުންތެރިޔަކަށް ގައުމީ ޓީމުން ރިލީސް ދެވެން ނެތް ކަަމަށާއި، ތަމްރީނުތަކަށް ރިޕޯޓް ނުކުރާ އެއްވެސް ކުޅުންތެރިޔަކު ސްކޮޑުގައި ނުހިމެނޭނެ ކަމަށެވެ.
މެކްސިކޯއިން ވޯލްޑް ކަޕަށް ތައްޔާރުވާން މިމަހުގެ 22 ވަނަ ދުވަހު ގާނާއާ ދެކޮޅަށް، 30 ވަނަ ދުވަހު އޮސްޓްރޭލިއާއާ ދެކޮޅަށް، އަދި އަންނަ މަހު ހަތަރު ވަނަ ދުވަހު ސާބިއާއާ ދެކޮޅަށް، 11 ވަނަ ދުވަހު ދެކުނު އެފްރިކާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތައް ކުޅެން ވަނީ ހަމަޖައްސާފައެވެ. މެކްސިކޯ ހިމެނެނީ ވޯލްޑް ކަޕް ގްރޫޕް އޭގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026