އެޓެންޝަން-ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އެޑީއެޗްޑީ ހުންނަ ކުދިންންގެ ފަރުވާއަށް ބޭނުންވާ ބޭހެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ރުހުން ދީފިއެވެ.

އޭޑީއެޗްޑީ ހުންނަ ކުދިންގެ ފަރުވާއަށް މުހިންމު ބޭހެއް ކަމަށްވާ މިތައިލްފެނިޓޭޑް ގާނޫނުގައި ބަޔާންކޮށްފައި އޮތީ މަސްތުވާއެއްޗެއްގެ ގޮތުގައެވެ. އެހެންވެ ރާއްޖޭގައި ބޭނުންކުރުން މަނާ ޑްރަގަކަށްވާތީ އެ ބޭސް ރާއްޖެއަކުން ނުލިބެއެވެ.

އެ ބޭސް ރާއްޖެއިން ނުލިބޭކަން ފާހަގަކޮށް، އެކަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. އޭނާ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެ މައްސަލަ ބޭރުކޮށްލައިފައެވެ. ދެން ކުޑޫ އެ މައްސަލަ ހުށަހެޅުއްވީ، 47 ބެލެނިވެރިންގެ ސޮޔާއެކު ޕެޓިޝަންއެކެވެ.

އެ ޕެޓިޝަންއާ ގުޅޭގޮތުން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވެފައިވަނީ އޭޑިއެޗްޑީ ހުންނަ ކުދިން ބޭނުންކުރާ ވަރަށް މުހިއްމު ބޭހެއް ރާއްޖެ އެތެރެނުކުރެވޭކަން ފާހަގަކުރައްވާ ފައެވެ. އެ ބޭހަކީ މިތައިލްފެނިޑޭޓް އެވެ. ޖަލީލާ ވިދާޅުވެފައިވަނީ އެ ބޭސް އެތެރެނުކުރެވެނީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލްގެ މާއްދާއެއްގައި ރާއްޖެ އެތެރެކުރުން މަނާ ބާވަތެއްގެ ގޮތުގައި ބަޔާންކޮށްފައިވާތީ ކަމަށާއި ނަމަވެސް އެއީ އޭޑީއެޗްޑީގެ ފަރުވާއަށް ރަނގަޅު ބޭހެއްކަން ސައިންސް ހެކިދޭކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެ ބޭސް ރާއްޖެއިން ނުލިބޭތީ ކުޑޫ ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއްވެސް ފޮނުވައިފައެވެ.

އެ ސިޓީއާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު މަޖިލީހުގެ ރައީސަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެ ބޭހާ ގުޅޭ ގޮތުން ނެޝަނަލް ޑުރަގު ކޮންޓްރޯލް ކައުންސިލުން ދެއްވާފައިވާ ލަފަޔާ މެދު އޭޕްރީލް 26 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި، މަނާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކޮށް، އެ ކަމަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވަން ކެބިނެޓުން ނިންމާފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެހެންވެ، މަނާ ބޭސްތަކުގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކުރުމާ މެދު މަޖިލީހުން ގޮތެއް ކަނޑައަޅައި ދިނުމަށް ރައީސްވަނީ އެދިވަޑައިގެންފައެވެ.

އެ މައްސަލަ ދިރާސާކޮށް، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މިއަދު ވަނީ، މަނާކޮށްފައިވާ ތަކެތީގެ ލިސްޓުން މިތައިލްފެނިޓޭޑް އުނިކުރަން ކޮމިޓީގެ އިއްތިފާގުން ރުހުންދީފައެވެ.