ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 149 ކިލޯ މަސްތުވާތެކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލި މައްސަލައިގައި އިހުމާލިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ކަމާބެހޭ އިދާރާތަކަށް ދަންނަވަން މިއަދު ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ދެހާސް ނަވާރުވަނަ އަހަރު އެތެރެކުރި އެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންގެ މައްޗަށް ދައުވާކުރީ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެގޮތުން ހަތަރު މީހަކަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަދި އެކެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލިއެވެ. މަސްތުވާތަކެތި އެތެރެކޮށް ފޮރުވާފައިވަނީ ފަޅު ރަށެއް ކަމަށްވާ ގދ. ހުޅުވާރުލުގައެވެ.
އެ މައްސަލަތައް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން އެންމެ ފުރަތަމަ ހުށަހެޅީ ކުރިމިނަލް ކޯޓަށެވެ. ނަމަވެސް އެ މައްސަލައަކީ އެ ކޯޓަށް ބެލުމުގެ އިހުތިސޯސް ނެތް އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލިއެވެ. ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމުން ޕީޖީން ދެން މައްސަލަ ހުށަހެޅީ ގައްދޫ ކޯޓަށެވެ. ގައްދޫ މެޖިސްޓްރޭޓު ކޯޓުން ވެސް ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.
ގައްދޫ މެޖިސްޓްރޭޓު ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ދައުވާ ކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ބުނެއެވެ. އަދި ދައުވާ ކުރީ ކޯޓު އަމުރެއް ނެތި ދެ ގެއަކަށް ވަދެ މީހުން ހައްޔަރުކޮށް، އެ ހައްޔަރުގައި ބަހައްޓައިގެން ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.
އެކަމާ ގުޅިގެން މީގެ ކުރިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެފައިވަނީ އެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށާއި އެހެންކަމުން ފަސް މީހުންގެ މައްސަލަ ކޯޓުން ބޭރުކުރީ ކަމަށެވެ.
މިއަދު އޮތް ޖޮއިންޓު ކޮމިޓީގައި އެ މައްސަލައިގެ ރިޕޯޓު ތައްޔާރުކޮށް ވަނީ ހުށަހަޅައިފައެވެ. ރިޕޯޓުގައި ވަނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތެކެތި އަތުލައިގަތުމަށް ހުރި ގާނޫނީ ގޮންޖެހުމާއި އެނޫން ދަތިތައް ފާހަގަކޮށްފައެވެ. އަދި ޕީޖީ އާއި ފުލުހުން ދީފައިވާ މައުލޫމާތަކަށް ރިއާޔަތްކޮށް ވަނީ ރިކޮމެންޑޭޝަންތަކެއް ހުށަހަޅައިފައެވެ.
- 149 ކިލޯގެ ޑްރަގު މައްސަލަ ޕީޖީ އޮފީހުން އަލުން މުރާޖާކުރައްވައި، ތަހުގީގުގައި ނުވަތަ ޝަރީއަތަށް ހުށަހެޅުމުގައި އިތުރަށް ފުރިހަމަކުރަން ކަމެއް ވާނަމަ ފުރިހަމަކުރުމާއެކު ދަށު ކޯޓަށް އަލުން ދައުވާ ހުށަހެޅުމާ މެދު މެދު ގޮތެއް ކަނޑައެޅުމަށް ޕީޖީ އޮފީހުގައި ދެންނެވުމަށް.
- މި މައްސަލައިގެ ކްރައިމް ސީނަށް ދިޔަ ފުލުހުންނާއި ތަހުގީގު ހިންގި ފުލުހުން އަމަލުކުރި ގޮތްތަކުގެ މައްޗަށް މިނިވަންކޮށް އިންޓާނަލް ބެލުންތަކެއް ބެލުމަށް ފެންނަ ކަމަށާއި، އަދި ޖިނާއީ އިޖުރާއަތާއި ފުލުހުންގެ ޕްރޮޓްކޯލް އަދި އެސްއޯޕީތަކަށް ގަސްދުގައި، ފަރުވާކުޑަކަމުން އަދި ނޭނގި އިހުމާލުވެފައިވާނަމަ އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފެންނަކަމަށް ފުލުހުންގެ ހިދުމުތުގައި ދެންނެވުމަށް.
- މި މައްސަލައިގައި ޕްރޮސެކިއުޓަރުން އަމަލުކުރި ގޮތުގެ މައްޗަށް މިނިވަންކޮށް އިންޓާނަލް ބެލުންތަކެއް ޕްރޮސެކިއުޓާ ޖެނެރަލް ބެއްލެއްވުމަށާއި އަދި ޖިނާއީ އިޖުރާތާ ޕްރޮޓޮކޯލްތަކާއި ގައިޑްލައިންތަކާ ގަސްދުގައި ޕްރޮސެކިއުޓަރުން އިހުމާލުވެފައިވޭތޯ ދެނެގަނެ ގަސްދުގައި އިހުމާލު ވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް ޕީޖީ އޮފީހުގައި ދެންނެވުމަށް.
- މުސްތަގުބަލުގައި މައްސަލަތަކާ ގުޅިގެން ތަހުގީގު ނުވަތަ ޝަރީއަތްތައް ހުށަހެޅުމުގައި ފުރިހަމަ ކުރަން ހުންނަ ކަންކަން ފުރިހަމަ ކުރުމަށްފަހު ފަރުވާތެރިވާންޖެހޭ އިޖުރާއުތަކާއި އުސޫލުތަކަށް އަމަލުކުރާނެ ހަރުދާނެ ގޮތްތަކެއް ފުލުހުންނާއި ޕީޖީ ގުޅިގެން ގާއިމުކުރުމަށް ދެންނެވުމަށް.
- ޖިނާއީ ބޮޑެތި ކުށްތަކުގައި އިޖުރާއީ ނުކުތާތަކާ ހުރެ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާއިން ބޭރުކޮށްލާފަައިވާ މައްސަލަތައް މުރާޖައާކޮށް އަލުން ކޯޓަށް ހުށަހެޅުމަށް ޕީޖީ އޮފީހުގައި ދެންނެވުމަށް.
އެ ފަސް ހުށަހެޅުން ވެސް ވަނީ ޖޮއިންޓު ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ފާސްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު