އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ގެނައި ސިގިރޭޓްތައް ބޮންޑެޑް ވެއާހައުސްގައި ހުއްޓައި ބޭރު ކުރި މަރުހަލާގައި، އެ ކުންފުނީގެ ހިއްސާދާރެއްގެ މަގާމުގައި ހުރެފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު ސިރުހާން ވިދާޅުވެއްޖެއެވެ.

އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ގެނައި ސިނގިރޭޓްތައް ބޮންޑެޑް ވެއާހައުސްގައި ހުއްޓައި ބޭރު ކުރި މަރުހަލާގައި، އެ ކުންފުނީގެ ހިއްސާ ސިރުހާނަށް ދީފައިވާ ކަމަށް އެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ރިޕޯޓުން ވަނީ ހާމަވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ފާސްކުރި އެ ރިޕޯޓުގައިވާ ގޮތުން ކަސްޓަމްސްގައި އެ ބޮންޑެޑް ވެއާހައުސް ރަޖިސްޓްރީ ކުރި އިރު، ކުންފުނީގެ ހިއްސާދާރުންނަކީ ލުބުނާ ހުސައިން މަނިކާއި އަބްދުﷲ ހަސަން ކިޔާ މީހެކެވެ. ނަމަވެސް އޭގެ ފަހުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން 9 ޑިސެމްބަރު 2023 ގައި ފޭކް ސިނގިރޭޓް އެތެރެކުރި އިރު ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ލުބުނާ ހުސައިން މަނިކާއި ސިރުހާން އެވެ.

ސިރުހާން މެންބަރަކަށް ހޮވުނީ އޭޕްރީލް 2023 ގައި ބޭއްވި 20 ވަނަ މަޖިލީހުގެ އިންތިހާބުގައެވެ.

ސިރުހާން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެގްޒޮޓިކް އެންޓަ ޕްރައިސަސްއަކީ ގާނޫނުތަކާއި ގަވައިދާ އެއްގޮތަށް ރަޖިސްޓްރީ ކޮށްގެން ހިންގަމުން އައި ކުންފުންޏެއްކަމުން 2023 ވަނަ އަހަރު ލިބުނު ފުރުސަތެއްގައި އެ ކުންފުންޏާ ގުޅިފައިވާނެ ކަމަށެވެ. އޭނާ އެ ކުންފުންޏާ ގުޅުނުއިރުވެސް އެ ކުންފުންޏަކީ ކަސްޓަމްސްގައި ބޮންޑެޑް ވެއާހައުސް ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްކަމަށް ސިރުހާން ވިދާޅުވިއެވެ.

އޭނާ އެ ކުންފުންޏާ ގުޅުނުތާ ގިނަދުވަސްތަކެއް ނުވަނީސް، ސިޔާސީ މަސައްކަތުގައި އުޅެން ގަސްދުކޮށް، ސިޔާސީ މަސައްކަތަށް ވަގުތު ހުސްކުރުމުގެ ގޮތުން ކުންފުނީގެ ހިއްސާ ދޫކޮށްލާފައިވާނެ ކަމަށް ސިރުހާން ވިދާޅުވިއެވެ.

"އަޅުގަނޑު އެގްޒޮޓިކް އެންޓަ ޕްރައިސަސްގެ ބޯޑު ޑިރެކްޓަރަކަށް އަދި ހިއްސާދާރަކަށް ހުރި މުއްދަތުގައި ދިވެހިރާއްޖޭގެ ގާނޫނާއި ހިލާފަށް އެއްވެސް މުއާމަލާތެއް އެ ކުންފުނިން ކޮށްފައި ނުވާނެކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ. އަދި ކުންފުނީގައި އޮތް އަޅުގަނޑުގެ ހިއްސާ ބަދަލުކުރެވުނީ ކުންފުނީގެ އޮޑިޓެއް ކުރުމަށް ފަހުގައި ކަމުން ކަސްޓަމަސްގެ ބޮންޑެޑް ވެއާހައުސް ހިމެނޭހެން ކުންފުނީގެ ގުދަންތަކުގައި ހުރި މުދަލުގެ ތަފުސީލުތައް ވަރަށް ސާފުކޮށް އެނގެން އޮންނާނެއެވެ. ދެންނެވުނު އޮޑިޓުންވެސް އެހައި ތަނަށް ކުންފުނީގެ އެއްވެސް ބޮންޑެޑް ވެއާހައުސްއަކުން ގަވާއިދާ ހިލާފަށް އެއްވެސް މުދަލެއް ބޭރުކުރެވިފައި ނުވާކަން ސާފުވާނެ" ސިރުހާން ވިދާޅުވިއެވެ.

"އެހެންކަމުން ސިނގިރޭޓް ވަގަށް ބޭރުކުރި މަރުހަލާގައި އެގްޒޮޓިކް އެންޓަޕްރައިސަސްގެ ހިއްސާ އަޅުގަނޑު ދީފައިވާކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމުގައި ދަންނަވަމެވެ"

އެ ކުންފުނީގެ ހިއްސާދާރަކަށް ވުމުގެ ކުރިން އަދި ކުންފުނީގެ ހިއްސާ ދޫކޮށްލި ފަހުން އެ ކުންފުނިން ގޯސްކަމެއް ކޮށްފައިވާނަމަ އެކަމަކީ އޭނާއާ ގުޅުވައިލެވޭނެކަމެއް ނޫންކަމަށް ސިރުހާން ވިދާޅުވިއެވެ.

ސިރުހާން ވިދާޅުވީ އޭނާއާ އެފަދަ ކަމަކާއި ގުޅުވަން ބަޔަކު މަސައްކަތްކުރާނަމަ، އެއީ ސިޔާސީ ގޮތުން އޭނާ ބަލިކަށިކުރަން ބަޔަކު ކުރާ މަަސައްކަތެއް ކަމަށެވެ.

މަޖިލީހުގެ 241 ކޮމިޓީން ކޮށްފައިވާ ތަހުގީގުންވެސް ސިނގިރޭޓް ގެއްލުމާއި އޭނާއާ ގުޅުމެއް ނެތްކަން ސާފުކޮށް ފެންނާން އެބައޮތްކަމަށް ސިރުހާން ވިދާޅުވިއެވެ.

ރައްޔިތުން އިންތިހާބު ކޮށްފައިވާ މެންބަރަކަށް، އެއްވެސް އަސާސެއް ނެތި އެފަދަ ކަމެއްގެ ތުހުމަތު އިނގިލި ދިއްކުރެވޭ ފަދަ ގޮތަކަށް ކޮމިޓީ ރިޕޯޓުގައިވާނަމަ އެކަން އިސްލާހުކުރަން ގޮވާލާކަމަށް ސިރުހާން ވިދާޅުވިއެވެ.

ކޮމިޓީ ރިޕޯޓުގައިވާ ގޮތުން ބޮންޑެޑް ވެއާހައުސް އިން ވަގަށް ސިނގިރެޓްތައް ބޭރުކުރި އިރު، އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ހިއްސާދާރުން އޮތީ އެހެން ބަޔަކަށް ބަދަލުކޮށްފައެވެ.

ވަގަށް ސިނގިރެޓް ބޭރުކުރި މައްސަލަ ފެންމަތިވި އިރު އެ ކުންފުނީގެ ބޯޑު ޑައިރެކްޓަރުންގެ ގޮތުގައި ތިބީ އަބްދުލް އަހަދު އަދުނާން ނަމަަކަށް ކިޔާ މީހަކާއި މުހައްމަދު ޝަރީފު ނަމަކަށް ކިޔާ މީހެކެވެ.