ޕްލާސްޓިކް ރީސައިކަލް ކުރުމަށް ބޭނުންވާ ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން ތިލަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފެސިލިޓީގެ ބިންގާ އަޅުވައިދެއްވީ އެންވަޔަރުމެންޓް މިނިސްޓަރު އަލީ ޝަރީފްއެވެ.

މިއީ މޯޕާ ސައިކަލްގެ ދަށުން ކުރިޔަށް ގެންދާ ފުރަތަމަ ޕެޓް ފްލޭކިން އެންޑް ވޮޝިން ލައިން ފެސިލިޓީއެވެ.

އެ ރަސްމިއްޔާތަށްފަހު އެންވަޔަރުމެންޓް މިނިސްޓަރު އަލީ ޝަރީފް "ވަން" ވިދާޅުވީ، ޕްލާސްޓިކް ރީސައިކަލް ކުރުމަކީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ކޮންމެހެން ކުރުން މުހިންމު މަސައްކަތެއް ކަމަށެވެ.

މި ފެސިލިޓީ ގާއިމުކޮށް ނިންމުމުން އިގްތިސޯދު ޑައިވާސިފައި ކުރުމަށް އިތުރު މަގުތަކެއް ފަހިވެގެންދާނެ ކަމަށާއި ރާއްޖޭގެ ރަށްތަކުން ޕްލާސްޓިކް މަދުވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިގޮތަށް މި ސެކްޓާތަކުން އިތުރު އިކޮނޮމިކް ސެކްޓާތަކެއް އުފެދިގެން ދިއުމަކީ މި އިކޮނޮމިކް ޑައިވާސިފިކޭޝަންއަށް އިތުރަށް ކުރެވިގެންދާނެ މަސައްކަތެއް. މިއީ ވަރަށް މުހިންމު އިނިޝިއޭޓިވްއެއް. އެ ބޭފުޅުން ދެންނެވިހެން ޕްރައިވެޓް ސެކްޓާއަށް ހުޅުވާލާފައި، އެހެން ސެކްޓާތަކުންވެސް މި އެލައިންސްއަށް ޖޮއިންކުރެވިގެން، އިތުރަށް މި ފުޅާކުރުމަކީ އަޅުގަނޑުމެންގެވެސް ވަރަށް ބޮޑު އެދުމެއް." ޝަރީފް ވިދާޅުވިއެވެ.

މިއަދު ބިންގާ އެޅި ޕްލާސްޓިކް ރީސައިކިލިން ފެސިލިޓީގެ ސަބަބުން ކުނި ސާފުކުރާ މީހުންނަށް ފައިދާތަކެއް ލިބިގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.