ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ އުފެއްދުންތައް ސްރީ ލަންކާގެ ބާޒާރަށް ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

މިފްކޯގެ އުފެއްދުންތައް ލަންކާއަށް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިފްކޯގެ އުފެއްދުންތައް ލަންކާއަށް ތައާރަފުކޮށްދެއްވީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ލަންކާގެ ރައްޔިތުންނަކީ ކުރީއްސުރެ ވެސް ދިވެހި މަހުގެ އުފެއްދުންތަކަށް ހާއްސަ ލޯތްބެއް ދޭ ބައެއް ކަމަށެވެ. ޝިޔާމް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ ތެރެއިން، މިފްކޯގެ އުފެއްދުންތައް ލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި އެ ގައުމުގެ ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިވެގެން ދިއުމަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ރާއްޖޭގެ މަސްވެރިކަމަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ސިނާއަތެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިފްކޯއިން ލަންކާގެ ބާޒާރަށް ތައަރަފްކުރި ތަކެތީގެ ތެރޭގައި އެ ކުންފުނީގެ "ފަސްމީރު" ބްރޭންޑްގެ ވަޅޯމަހާއި، އެކި ބާވަތްތަކުގެ މަސްދަޅާއި، ރިހާކުރުގެ އިތުރުން ޕެކެޓްކޮށްފައި ހުންނަ މުގުރި މަސް ހިމެނެއެވެ.

މަސްވެރިކަމުގެ އުފެއްދުންތަކުން ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި ގައުމީ އާ ބްރޭންޑެއް ވެސް ތައާރަފްކޮށްފައެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ މާކެޓުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނުން ކުރިއަށްގެންދާ ހަރަކާތެކެވެ.