ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސްރީލަންކާގެ ގައުމީ ދާރުލްއާސާރު (ކޮލަމްބޯގެ ނެޝަނަލް މިއުޒިއަމް)އަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތަކީ ރައީސް ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ސަގާފީ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުރެއްވި ޒިޔާރަތެކެވެ.

ރައީސްގެ ދެކަނބަލުން ދާރުލްއާސާރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެތަނުގެ އިސްވެރިންނެވެ. އެ ޒިޔާރަތުގައި ދާރުލްއާސާރުގެ އެކި ގެލެރީތައް ބައްލަވާލައްވައި، ސްރީލަންކާގެ މުއްސަނދި ތާރީހާއި، ސަގާފީ ތަރިކަ އަދި އާދަކާދަތައް ދައްކުވައިދޭ ތަކެއްޗާ ބެހޭ މައުލޫމާތު އެ މަނިކުފާނުގެ ދެކަނބަލުން މި ޒިޔާރަތުގައި އޮޅުންފިލުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދާރުލްއާސާރަށް ކުރެއްވި ޒިޔާރަތުގައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވުމަށްފަހު، ރައީސް ލިޔުއްވި ބަޔާނުގައި، އަންނަން އޮތް ޖީލުތަކަށްޓަކައި ގައުމުގެ ތަރިކަ ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ތާރީހު ދައްކުވައިދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވައި، އެކަމުގެ އަގުވަޒަންކުރެއްވިއެވެ.

މިފަދަ ސަގާފީ ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމެވެ.