ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރު ކުރުމަކީ ސިޔާސީ ގޮތުން ކުރި ކަމެއް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފިއެވެ.
މިދިޔަ ހަފުތާގެ ހޯމަ ދުވަހު އަބްދުﷲ ޝާހިދު ހައްޔަރުކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތަށެވެ. އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ 30 ދުވަސް ޖަހައިފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން މި ސަރުކާރުން އެއްވެސް މީހަކު ހައްޔަރުކޮށް އަދަބު ނުދޭނެ ކަމަށެވެ. އެއީ މި ސަރުކާރުން ނިމުމަކަށް ގެނެސްފައިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޝާހިދަށް ކުރަނީ ސީރިއަސް ތުހުމަތެއް ކަމަށެވެ.
"މިއީ ވަރަށް ސީރިއަސް ކުޑަކުއްޖަކާ ގުޅިފައިވާ ވަރަށް ސީރިއަސް ކަމެއް. އެހެންވީމާ މިކަމުގެ އޮފެންޑާއަކީ ކޮންމެ މީހަކަށްވިޔަސް އެ މީހަކަށް ދޭތެރޭގައި ގާނޫނުގައި ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެ. ގާނޫނު ތަންފީޒުކުރުމުގައި އެކަން ކުރިކަމަށް އެ ބެލެވޭ މީހަކަށް ޑިއު ޕްރޮސެސް ފޮލޯކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ސަރުކާރުން. އެހެންވީމާ ފޮލޯކުރުމަށް ކުރަން ޖެހޭ ކަންކަމަށް ސަރުކާރުން ހުރަހެއް ނާޅާނަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ގާނޫނުގެ ވެރިކަން ހިނގަން ޖެހޭނެ ކަމަށެވެ.
އަބްދުﷲ ޝާހިދަކީ، ކުރީގެ މަޖިލިސް ރައީސްކަން ވެސް އަދި އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ ދައުލަތުގެ އެންމެ މަތީ އިއްޒަތް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބުވެސް އަރުވައިފައެވެ.
އަލީ ޔާމިން
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކޮމެންޓް