ދަނޑުވެރިކަމާއި ޕޯލްޓްރީގެ ބޭނުމަށް ދޫކުރި ގދ. ކާށިހުޅުދޫ ސަރުކާރުން އަތުލި މައްސަލައިގައި ދައުލަތުން ބަދަލުދޭން ޖެހޭ ކަމަށް ހައި ކޯޓުން ކަނޑައަޅައި، އެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށްފިއެވެ.

ސަނީ ފާމް ކިޔާ ކުންފުންޏަކަށް 2013 ވަނަ އަހަރު ސަރުކާރުން ކާށިހުޅުދޫ ކުއްޔަށް ދޫކޮށްފައި ވަނިކޮށް، އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް ނުކުރާކަމަށް ބުނެ އެ ކުންފުނި އަތުން އެ ރަށް ސަރުކާރުން އަތުލީ، 2020 ވަނަ އަހަރު އެވެ.

އެ މައްސަލައިގައި ސަނީ ފާމުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުން 4.8 މިލިއަން ޑޮލަރު ދައުލަތުން ހޯދުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. ނަމަވެސް އެ ކޯޓުން ނިންމީ ސަރުކާރުން އެ ރަށް އަތުލީ އެއްބަސްވުމާ ހިލާފަށްކަމަށް ނުވާތީ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.

ސިވިލް ކީޓުގެ ކޯޓުގެ ހުކުމް ސަނީ ފާމްއިން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން އެ މައްސަލަ ބެލުމަށް ފަހު އާދިއްތަ ދުވަހު ހުކުމްކުރީ ދައުލަތުން ކާށިހުޅުދޫ އެއްބަސްވުން ބާތިލްކޮށްފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ.

އެ ކޯޓުގެ ނިންމުމުގައި ބުނީ، ގެއްލުމުގެ ބަދަލު ހޯދުމަށް ވަކި މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުމުގެ ހައްގު ސަނީ ފާމަށް އޮންނާނެ ކަމަށެވެ.