ރަށްގިރުމުގެ މައްސަލައަށް ސައިންސްގެ އަލީގައި ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝަރީފް ވިދާޅުވީ، ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރިއަށްވުރެ ބޮޑަށް ދިރާސީ މައުލޫމާތު ހިމަނައިގެން އިންޑެކްސްތަކެއް ތައްޔާރުކުރަމުން އަންނަ ކަމަށެވެ.

"ކްލައިމެޓް ޗޭންޖު ޑިޕާޓްމަންޓުންވެސް ފާހަގަކުރީ މީގައި ސައިންސްގެ އަލީގައި އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމޭ ސިޔާސަތުތައް އެކުލަވާލުމުގައި ނުވަތަ އެކިއެކި ޕްރޮގްރާމްތައް އެކުލަވާލުމުގައި، ކިހިނެތްކަން އެކި ދިރާސާ އާއި ސައިންސްގެ އަލީގައި ލިބޭ މައުލޫމާތު އަޅުގަނޑުމެން ބޭނުންކުރަނީ ކިހިނެތް ތޯ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރަށްގިރުމުގެ މައްސަލައިގައި ރަށްރަށް އިހްތިޔާރުކުރުމުގައި މިހާރުވެސް މިނިސްޓްރީން އިސްކަންދޭ އޮނިގަނޑެއް އޮންނަ ކަމަށާއި އެގޮތުން ރަށުގެ ބޮޑު މިން ފަދަ ކަންކަން ބަލާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ މިޑްލް އިންކަމް ގައުމަކަށްވުމުން ރަށްގިރުމުގެ މައްސަލައަށް ބޭރުގެ ފަންޑު ހޯދަން އުނދަގޫ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރަށްގިރުން ހުއްޓުވުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަނީ ހައުސިން މިނިސްޓްރީއާ ގުޅިގެން ކަމަށާއި އެއީ ރަށްރަށް ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ކުރިއަށްގެންދަނީ އެ މިނިސްޓްރީން ކަމަށްވާތީ ކަމަށެވެ.