މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އެޅިދާނެ ފިޔަވަޅުތަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރެވެ.
މި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، މެދުއިރުމަތިގެ ހަނގުރާމައިގެ މައިދާނާ ރާއްޖެ އެތައްހާސް ކިލޯ މީޓަރެއްގެ ދުރުގައި އޮތް ނަމަވެސް އަސްކަރީ ނުރައްކަލަށްވުރެ ބޮޑަށް ރާއްޖެއަށް އޮތީ އިގުތިސޯދީ ނުރައްކަލެއް ކަމަށެވެ.
ޔޫރަޕާއި ރާއްޖެއާ ގުޅުވާލަދޭ ދަތުރު ފަތުރުގެ މަގުތަކަށް އެޅޭ ހުރަސްތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ މައި އިންޖީނު ކަމަށްވާ ފަތުރުވެރިކަމުގެ ދުވެލި މަޑުޖެހި، ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ނަތީޖާއެއްގެ ގޮތުން ފަތުރުވެރިިކަމުގެ ވިޔަފާރިތަކަށް ލިބޭ އާމްދަނީ ދަށްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު 7،000 އިން 4،000 އާއި 5،000 އާ ދެމެދަށް ދަށްވެ ދުވާލަކު 2،000 ބުކިން ކެންސަލް ވުމުގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 21 އިންސައްތަ ދަށަށް ގޮސްފައިވަނީ،"
މެންބަރު ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދަށް ވުމުގެ ސަބަބުން ރިސޯޓްތަކާއި ގެސްޓް ހައުސްތަކަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިވެ، ފަތުރުވެރިކަމުގެ ސިނާއަތުގެ ހިދުމަތްތަކާއި ސާވިސްޗާޖާއެކު ލިބޭ އާމްދަނީއަށް ނޭދެވޭ އަސަރުކޮށް މުވައްޒިފުންނަށް ވެސް ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއެކު ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން މިދިޔަ އަހަރު 5.4 އިންސަައްތައިގައި އޮތުމަށްފަހު މިއަހަރު އެެކެއް އިންސައްތަ ދަށްވާނެ ކަމަށް އޭޝިއަން ޑިލޮޕްމަންޓް ބޭންލް (އޭޑީބީ) އިން ލަފާކޮށްފައިވާ އިރު، މިހާލަތު ދެމިގެންދާނަމަ، އިގުތިސޯދަށް ލިބިދާނެ ދާއިމީ ގެއްލުންތަކުން ސަލާމަތް ވުމަށް ފަތުރުވެރިކަމަށް ބަރޯސާވާ، ވިޔަފާރިތަކަށް ސަރުކާރުން ލުއިތަކެއް ދީ، ވަކިން ހާއްސަކޮށް ދައުލަތުގެ ބާރު ހިނގާ ދާއިރާތަކުގައި ވިޔަފާރިތަކުގެ ކޭޝް ފްލޯ ނުވަތަ ފައިސާގެ ދައުރުވުމަށް އެހީތެރިވެދޭނެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑްގެ ހާލަތުގައި ސަރުކާރުން އިގުތިސޯދީ އެހީތެރިކަން ފޯރުކޮށްދިން ފަދައިން، މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ވަގުތު އައިސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމަށްޓަކައި، އެޅިދާނެ ފިޔަވަޅުތަކެއްވެސް މި މައްސަލައިގައި މެންބަރު ވަނީ ފާހަގަ ކުރައްވައިފައެވެ.
މެންބަރު މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުން، މަޖިލީހަށް މައްސަލަ ބަލައިގަނޭތޯ ނެގި ވޯޓުގައި، މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން އެމްޑީޕީގެ އަށް މެންބަރުންނެވެ. ނަމަވެސް މައްސަލަ މަޖިލިސް ތަޅުމުން ބޭރުކޮށްލީ، ވެރިކަން ކުރާ ޕީއެންސީގެ 33 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ވަރަށް ރަގަނޅު
މޫސާރަޝީދު - 2 މަސް ކުރިން