އެމެރިކާ އާއި އީރާނާ ދެމެދު މިދިޔަ މަހު ހަނގުރާމަ ހުއްޓާލި ފަހުން ފުރަތަމަ ފަހަރަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް އީރާނުން މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފިއެވެ.

ޔޫއޭއީގެ ދިފާއީ ވުޒާރާއިން ބުނީ އީރާނުން ފޮނުވާލި ހަތަރު ކްރޫޒް މިސައިލް ވައިގެ ދިފާއީ ނިޒާމުން ދެނެގެންފައިވާ ކަމަށާއި، އެ ތެރެއިން ތިން މިސައިލް އެ ގައުމުގެ ސަރަހައްދީ ކަނޑުގެ މަތީގައި ވައްޓާލާފައިވާ ކަމަށެވެ. ހަތަރު ވަނަ މިސައިލް ވެއްޓުނީ ކަނޑަށެވެ.

ދިފާއީ ވުޒާރާއިން ބުނީ އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުތައް އީރާނުން އަންނަ މިސައިލާއި ޑްރޯން ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ގައުމުގެ އެކި ހިސާބުތަކުން އިވެމުންދާ ގޮވުންތަކުގެ އަޑަކީ ބެލިސްޓިކް މިސައިލް، ކްރޫޒް މިސައިލް، އަދި ޑްރޯންތައް ހުއްޓުވުމުގެ ތެރޭގައި އިވޭ އަޑުތައް ކަމަށެވެ.

ފުޖައިރާގެ ތެޔޮ ސިނާއީ ސަރަހައްދު (ފުޖައިރާ އޮއިލް އިންޑަސްޓްރީ ޒޯން) ގައި އީރާނުން ފޮނުވާލި ޑްރޯން ހަމަލާއެއްގެ ސަބަބުން އަލިފާން ރޯވެ، އިންޑިއާގެ ތިން ރައްޔިތަކަށް އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ. ސިވިލް ޑިފެންސް ޓީމުތައް ދަނީ އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ދުބާއީ އާއި އަބޫދާބީގައި ފޯނުތަކަށް ފޮނުވި އެލާޓެއްގައި ރައްޔިތުންނަށް އެންގީ މިސައިލް ހަމަލާތަކުގެ ނުރައްކާ އެބައޮތް ކަމަށާއި، ރައްކާތެރި ތަނެއް ހޯދުމަށެވެ. ޑްރޯން އަދި މިސައިލް ހަމަލާތަކުގެ ސަބަބުން ޔޫއޭއީ އަށް ދާ ގިނަ ފްލައިޓުތައް ވަނީ އޮމާންގެ މަސްކެޓަށް ޑައިވާޓް ކޮށްފައެވެ.

މި ހަމަލާތަކާ ވަކިން، ޔޫއޭއީގެ ހާރިޖީ ވުޒާރާއިން ވަނީ ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަމުން ދިޔަ އެޑްނޮކް (އަބޫދާބީ ނެޝަނަލް އޮއިލް ކޮމްޕެނީ) ގެ ތެޔޮ ޓޭންކަރަކަށް ދެ ޑްރޯނުން ހަމަލާ ދިން ކަމަށް ބުނެ އެ އަމަލު "އީރާނުގެ ޓެރެރިސްޓް ހަމަލާއެއް" ގެ ގޮތުގައި ސިފަކޮށް ކުށްވެރިކޮށްފައެވެ. އެ ޓޭންކަރު "އެމް.ވީ ބަރަކާ" އަކީ ތެޔޮ ނެތި ހުސްކޮށް ދަތުރު ކުރަމުން ދިޔަ އުޅަނދެކެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.

ޔޫއޭއީގެ ދިފާއީ ވުޒާރާއިން ބުނީ މި ހަމަލާއަކީ އދ. ގެ ސެކިއުރިޓީ ކައުންސިލް ރިޒޮލޫޝަން 2817 ގެ ސީދާ ހިލާފެއް ކަމަށާއި، ވިޔަފާރީ ބޯޓުފަހަރަށް ހަމަލާދީ ހޮރްމޫޒް ކަނޑުއޮޅި ފިއްތުމުގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހިންގާ "ކަނޑުފޭރުމުގެ އަމަލުތަކެއް" ކަމަށެވެ.

މި ހަމަލާތަކުގެ ޒިންމާ އީރާނުން ރަސްމީކޮށް ނުނަގައެވެ. ނަމަވެސް އައިއާރްޖީސީއާ ގުޅުން ހުރި ސޯޝަލް މީޑިއާ އެކައުންޓަކުން ޔޫއޭއީ އަށް ދިން ހަމަލާތައް ކަށަވަރު ކުރި ކަމަށް ފެނެއެވެ.

މި ޑްރޯން ހަމަލާތަކުގެ ސަބަބުން، ޕާކިސްތާނު މެދުވެރިވެ އެޕްރީލް 8 ގައި ވޮޝިންޓަނާއި ތެހެރާނާ ދެމެދު ގާއިމު ކުރި ހަނގުރާމަ ހުއްޓާލުމަށްފަހު ޔޫއޭއީގައި އޮތް ހަމަހިމޭންކަމުގެ ދުވަސްވަރު ނިމުމަކަށް އައީއެވެ. އެމެރިކާގެ ރައީސް ޓްރަމްޕް، ހޮރްމޫޒް ކަނޑުއޮޅިން ބޯޓުފަހަރު ގެންދިއުމަށް "ޕްރޮޖެކްޓް ފްރީޑަމް" ފެށުމާ ގުޅިގެން އީރާނުން ބާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރުދީފައިވެއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕާ ވިދާޅުވީ ވިޔަފާރީ ބޯޓުފަހަރުގެ ދަތުރުތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރި އީރާނުގެ ކުދި ހަ ބޯޓެއް އެމެރިކާގެ ސިފައިން ނައްތާލާފައިވާ ކަމަށެވެ.

ޔޫއޭއީއަށް ދިން ހަމަލާތަކުގެ ހަބަރާ ގުޅިގެން ހިއްސާގެ ބާޒާރުތައް ދަށަށް ގޮސް، ތެލުގެ އަގު މައްޗަށް ދިޔައެވެ.