ގދ. ކާށިހުޅުދޫގައި ޕޯލްޓްރީ މަސައްކަތާއި ކޮމްޕޯސްޓް އުފެއްދުމުގެ މަސައްކަތާއި އެގްރިކަލްޗަރާއި އަދި ފިޝަރީޒްއާ ގުޅޭ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަނީ ފާމް ޕްރައިވެޓް ލިމިޓެޑާއި ފިޝަރީޒް އެންޑް އެގްރީލަޗާ މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން ދައުލަތުން ބާތިލުކުރީ އެ އެއްބަސްވުމާ ހިލާފަށް ކަަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލައަކީ އެ އެއްބަސްވުން ދައުލަތުން ބާތިލުކުރީ ގޯސްކޮށް ކަމަށްބުނެ، އެ މައްސަލައާ ގުޅިގެން ސަނީ ފާމްއަށް 4.8 މިލިއަން ޑޮލަރު ދައްކަން ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި ސަނީ ފާމް އިން ދައުލަތުގެ މައްޗަށް ސިވިލްކޯޓުގައި ކުރި ދައުވާގެ މައްސަލައެކެވެ.
އެ ޕްރޮޖެކްޓްތައް ހިންގުމަށް ސަނީފާމްއާ އެކު 28 އޮކްޓުބަރު 2013 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ކާށިހުޅުދޫ ކުއްޔަށް ދިނީ 21 އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް 23 އޯގަސްޓް 2020 ގައި އެއްބަސްވުން ބާތިލުކޮށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ (ދައުލަތުން) ވަނީ އެރަށް އެ ކުންފުނީގެ ދަށުން ވަކިކޮށްފައެވެ.
އެ މިނިސްޓްރީން އެއްބަސްވުން ބާތިލުކުރީ، ދެފަރާތުން ވެފައިވާ އެއްބަސްވުމާއި ކޮންޓްރެކްޓާ ބެހޭ ގާނޫނާއި ދިވެހި ރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމަށް 321،009 ޑޮލަރާއި އެ ކުންފުންނަށް ގެއްލިފައިވާ އޮޕޮޗިއުނިޓީ ކޮސްޓަށްޖެހޭ 4.5 މިލިޔަން ޑޮލަރާއެކު ޖުމްލަ 4.8 މިލިޔަން ޑޮލަރު އެކީ އެއްފަހަރާ އެ ކުންފުންނަށް ދެއްކުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ (ދައުލަތް) އަށް އަމުރުކޮށްދިނުމަށް އެދި ސަނީ ފާމްގެ ފަރާތުން އެ މައްސަލައިގައި ސިވިލްކޯޓުގައި އެދުނެވެ.
އެ ދައުވާއަށް އިންކާރުކޮށް މިނިސްޓްރީން ބުނީ އެއްބަސްވުން ވާތިލުކޮށް އެ ރަށް ވަކިކުރީ، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ވޯކްޕްލޭނާ އެއްގޮތަށް ސަނީ ފާމުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ ކަމަށެވެ.
އަދި އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތް ކުރިއަށްގެންދިއުމަށް ދިން މުއްދަތުގައިވެސް އެކަންކަން ރަނގަޅު ކޮށްފައި ނުވާތީ، އެއްބަސްވުން ބާތިލުކުރީ އެ މިނިސްޓްރީއަށް ލިބިފައިވާ ބާރުގެ ދަށުން އެއްބަސްވުމުގައިވާ އިޖުރާއަތާއި ކަމާބެހޭ ގާނޫނާއި ޝަރުއީ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ގެއްލުމުގެ ބަދަލަށް ޒިންމާވާން ނުޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެ މައްސަލަ ބެލުމަށްފަހު، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ސިވިލްކޯޓުން ހުކުމް ކުރީ، އެ މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު ސަނީފާމަށް ދިން ރަށް ދައުލަތުން ވަކިކުރީ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ އިޖުރާއަތުގެ ދަށުން ކަމަށެވެ. އަދި އެ ދައުވާގައި އެ ކުންފުނިން، ކޮށްފައިވާ ކަމަށް ބުނާ ހަރަދުތަކަކީ ހިނގާފައިވާކަން ޔަގީންކޮށް، ނުވަތަ ހަރަދުކުރިކަން އެނގޭ ހެކިތަކެއްގެ މައްޗަށްކަން އެނގެން ނެތް ހަރަދުތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
އެ ކުންފުންޏަށް ލިބޭނެ ކަމަށް ދައުވާގައި އަންދާޒާކޮށްފައިވާ މަންފާ، ހިސާބު ކުރުމަށް މުދަލުގެ އަގު ހިސާބު ކޮށްފައިވަނީ ކޮން ގޮތަކުންކަން އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ. ގެއްލުމުގެ ބަދަލު ނަގައި ދެވޭނީ އެ އަދަދުތަކަށް ވާސިލުވި އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މި ދައުވާއިން ފާހަގަވާ ނުކުތާތަކަށް ރިއާޔަތްކުރާއިރު، އެ ރަށް ސަނީފާމްއަށް ކުއްޔަށް ދިނުމުގެ ގޮތުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން އެ މިނިސްޓްރީން ބާތިލުކޮށްފައި ވަނީ އެއްބަސްވުމާ އެއްގޮތަށް ކަމަށްވާތީ އެދިފައިވާ ފައިސާ ނަގައިދޭނެ ތަނެއް ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ.
ނަމަވެސް ސިވިލްކޯޓުގެ ހުކުމަކީ، ގާނޫނުތަކާ ހިލާފު ހުކުމެއް ކަމަށްބުނެ ސަނީ ފާމްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެހެންކަމުން ސަނީ ފާމްގެ ފަރާތުން ހައިކޯޓުގައި އެދުނީ ސިވިލްކޯޓުން ކުރި ހުކުމް ބާތިލުކޮށް، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާ ހަވާލުކުރަންޖެހޭ ގދ. ކާށިހުޅުދޫ ހަވާލުނުކޮށް، މިނިސްޓްރީން އެ އެއްބަސްވުމުގެ އެންމެ އަސާސީ މާއްދާއާ ހިލާފުވެ، އެގޮތުގެ މަތިން ދެމިހުރީތީ ސަނީ ފާމްއަށް ލިބިފައިވާ ގެއްލުން ކަމަށްވާ 321،009 ޑޮލަރު މިނިސްޓްރީގެ ކިބައިން ނަގައިދިނުމަށާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ސަނީ ފާމްއާ ހަވާލު ކުރަންޖެހޭ ކާށިހުޅުދޫ އެ ފަރާތާ ހަވާލުނުކޮށް، އެއްބަސްވުމުގެ އެންމެ އަސާސީ މާއްދާއާ ހިލާފުވެ އެގޮތުގެ މަތީ ދެމިހުރީތީ ލިބޭނެ ކަމަށް ބެލެވިފައިވާ ގެއްލުމުގެ ބަދަލު ގޮތުގައި 4.5 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ.
އެ މައްސަލަ ހައިމޯޓުން ބެލުމަށްފަހު މިއަދު ކުރި ހުކުމްގައިވަނީ، ސިވިލްކޯޓުން ކުރި ހުކުމް ބާތިލުކޮށްފައެވެ. އަދި ދައުލަތާއި ސަނީފާމްއާ ދެމެދު ވެފައިވާ އެއްބަސްްވުން ދައުލަތުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި ދައުލަތުން އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ސަނީފާމްއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު، އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ކަނޑައަޅާ ކަަމަށްވެސް ހުކުމްކޮށްފައިވެއެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ހައިކޯޓު