ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާގައި ހަނދާނީ ގަހެއް އިންދަވައިފިއެވެ.

ކޮލަމްބޯގެ ވިހާރަ މަހާ ދޭވީ ޕާކްގައި މިއަދު ބޭއްވި އެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވީ ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ.

04 މޭ 2026، ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި، ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސްރީ ލަންކާގެ ރައީސް އަނޫރާ ކުމަރާ ޑިސަނާޔަކެ ބައިވެރިވެވަޑައިގަންނަވަނީ ---- ފޮޓޯ: ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ދެ ގައުމުގެ ރައީސުން ގުޅިވަޑައިގެން އިންދަވާފައިވަނީ "ހޯސްފީލްޑިއާ އިރީއޫގެޑީ" (Horsfieldia iryaghedhi) ނަމަކަށް ކިޔާ ގަހެކެވެ. މިއީ ސްރީލަންކާއަށް ހާއްސަ، އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ ނާދިރު ބާވަތެއްގެ ގަހެކެވެ.

ރައީސް އޮފީހުން ބުނީ އެ ގަސް އިންދުމުގެ ރަމްޒީ ހަރަކާތުން ދޭހަކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ސިޔާސީ ބަދަހި ގުޅުން ކަމަށެވެ. އަދި މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި އަންނަން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ދެ ގައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ރަމްޒެއް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

04 މޭ 2026، ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި، ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސްރީ ލަންކާގެ ރައީސް އަނޫރާ ކުމަރާ ޑިސަނާޔަކެ ބައިވެރިވެވަޑައިގަންނަވަނީ ---- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ރަސްމީކޮށް ގާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.

ރައީސް، ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކޮށް، މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކުރައްވާ ދަތުރުފުޅެކެވެ.