ރާއްޖޭގައި ހިންގާ މާލީ އިދާރާތަކަށް ހާއްސަކޮށްގެން އެމްއެމްއޭއިން ދޭ މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް އަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެމްއެމްއޭއިން ބުނީ އެ އެވޯޑަކީ، އެ އޮތޯރިޓީން ލައިސަންސް ދީގެން ރާއްޖޭގައި ހިންގާ މާލީ އިދާރާތަކުން ހޯދަމުން އަންނަ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް އެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެއް ކަމަށެވެ.
އެ އެވޯޑުގެ މަގުސަދަކީ، ހިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކުރެވިގެން ހުރިހާ ދާއިރާއެއްގެ ބައިވެރިބުން ހިމެނޭ ގޮތަށް ހަރުދަނާ އުސޫލެއްގެ ތެރެއިން މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ.
މީގެ އިތުރުން މާލީ ދާއިރާގެ ވާދަވެރިކަން އިތުރުކޮށް، ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރުމަތިކުރުމަށް ހިތްވަރުދިނުމަކީވެސް މި އެވޯޑު ދިނުމުގެ މުހިންމު އަމާޒެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ބުނީ މާލީ ބައިވެރިވުން އިތުރުކުރުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމާއި ޑިޖިޓަލް ފައިނޭންސް ފުޅާކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ މާލީ ހިދުމަތްތައް އިތުރުކުރުމާއި ގްރީން ފައިނޭންސް ކުރިއެރުވުމާ ގުޅޭ ދާއިރާތަކުން ޖުމްލަ ހަތް އެވީޑެއް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެމްއެމްއޭއިން ބުނީ، އެ ވޯޑަށް ކުރިމަތިލާން މިހާރު ހުޅުވާލާފައިވާއިރު އެވޯޑް ލިބޭ ފަރާތްތައް އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހު ބާއްވާ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އިއުލާނުކުރެވޭނެ ކަމަށެވެ.
އަލީ ޔާމިން
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ