މިރޭ ލިވަޕޫލާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ބަލަން އޯލްޑް ޓްރެފޯޑަށް ގޮސް އިން، އެ ކްލަބުގެ ލެޖެންޑަރީ ކޯޗު ސާ އެލެކްސް ފާގަސަންގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެއެވެ.

ނޫސްތައް ބުނެފައި ވަނީ ފާގަސަން ހޮސްޕިޓަލަކަށް ގެންގޮސްފައި ވަނީ ސިއްހީ މައްސަލައެއް ދިމާވެގެން ކަމަށާއި، އެއީ މެޗު ފެށުމުގެ ކުރިން ކަމަށެވެ. ކްލަބުން އެކަމަށް ޖަވާބު ދީފައި ނުވާ އިރު، ފާގަސަން ހޮސްޕިޓަލަށް ގެންދަން ޖެހުނު ސީދާ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

ސްކައި ސްޕޯޓްސްއިން ބުނީ ފާގަސަންގެ ހާލަތު އެންމެ ރަނގަޅު ނޫން ނަމަވެސް، އޭނާގެ ހޭހުރިކަން ޔަގީން ކުރެވޭ ކަމަށާއި، އަވަހަށް ގެންދަން ނިންމާފައި ވަނީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އުމުރުން 84 އަހަރުގެ ފާގަސަން. ޔުނައިޓެޑްގެ ހޯމް މެޗުތަކުގައި ބެލުމަށް މިހާރުވެސް އާންމުކޮށް ސްޓޭޑިއަމަށް ދާކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް ބޮޑެތި ގިނަ މެޗުތަކުގައި ފާގަސަން ފެނިގެން ދެއެވެ.

ފާގަސަންއަކީ ފުޓުބޯޅަ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ކޯޗެވެ. އެގޮތުން އޭނާ ވަނީ 1986 ވަނަ އަހަރުން 2013 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑަށް ކޯޗުކަން ކޮށްދީ، އެ ކްލަބާއެކު 13 ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައެވެ. އަދި ދެފަހަރަށް ޗެމްޕިއަންސް ލީގުވެސް މެންޗެސްޓާ ޔުނައިޓެޑަށް ހޯދައިދީފައިވާ އިރު، ފާގަސަން ވަނީ 26 އަހަރު އެ ކްލަބަށް ކޯޗުކަން ކޮށްދީފައެވެ.

ފާގަސަން ވަނީ ޔުނައިޓެޑާއެކު 38 ތަށި ހޯދައިފައެވެ.