މާލޭގެ ރަށްވެއްސަކަށް ވީތާ އަދި އެއް އަހަރު ދުވަސް ހަމަނުވި ނަމަވެސް، މާލޭގައި ދިރިއުޅޭތާ ޖުމްލަ 15 އަހަރު ވެފައިވާ ފަރާތްތަކަށް ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލެވޭނެކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ މާލޭގައި ރަށްވެހިވިތާ އެއް އަހަރު ނުވާ ފަރާތްތަކަށް ވެސް އެޕްލައި ކުރެވޭ ގޮތަށް މިހާރު ފޯމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއަށް ޝަރުތު ހަމަވާ ނަމަ، އެ ފަރާތްތަކަށް ފުރުސަތު އޮންނާނެ ކަމަށެވެ.

ނަމަވެސް، އެފަދަ މީހުން އެޕްލިކޭޝަން ހުށަހަޅާއިރު މެދުނުކެނޑި މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ މީހެއްކަން އެނގޭނެ ލިޔުމާއި، މާލޭގައި ރަށްވެހިވި ތާރީހު އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ބަދަލު ގެނައިއިރު، މިދިޔަ ހަފްތާގައި ވަނީ "ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލަށްވެސް އިސްލާހެއް ގެނެސް ގެޒެޓުކޮށްފައެވެ. އެ އިސްލާހުގައިވާ ގޮތުން މިހާރު ވަނީ ތިންވަނަ ކެޓަގަރީއެއް އިތުރުކޮށްފައެވެ. މި ކެޓަގަރީގެ ދަށުން ފޯމު ހުށަހެޅޭނީ ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ގޯތި ދޫކޮށް ފްލެޓަށް ބަދަލުވާން އެދޭ މީހުންނަށެވެ. އަދި ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ މީހުން ގޯތި ދޫކޮށް، ވަކިން ގޯއްޗާއި ފްލެޓަށް އެދެން ބޭނުންވާ ފަރާތްތަކަށްވެސް އެ ކެޓަގަރީގެ ދަށުން ފުރުސަތު އޮންނާނެއެވެ.

އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 10 އިން ފެށިގެން މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ބޯހިޔާވަހިކަން ހޯދުމަށް މިފަހަރު ކަނޑައަޅާފައިވާ އާންމު ޝަރުތަކީ މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވުމެވެ. ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން، އެފަދަ ފަރާތްތައް މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނަމަ، ފްލެޓަށް ހުށަހެޅޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. ގޯތިތައް ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ. ފްލެޓްތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު، މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ރަށްވެހިވެފައި ނުވާ ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންނަށް 1،500 ފްލެޓް، އަދި އެކި ހާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

މި ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދުމުގެ މުއްދަތު މިހާރު ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.