މި އަހަރުވެސް ގައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރާނީ ހއ. އުތީމުގައި ކަމަށް މިނިސްޓާ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހީނާ ވިދާޅުވީ، ދިވެހި ގައުމިއްޔަތުގެ މަސައްކަތެއްގެ ގޮތުގައި ގާޒީ ބަންޑާރައިންގެ އާސާރުތައް ހިމާޔަތްކުރުމުގެ ގައުމީ މަޝްރޫއެއް ހއ. ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ހއ. އުތީމުގެ ކަނދުވަލު މިސްކިތް ހިމެނޭ ސަރަހައްދުގައި ސްޓޯރީ ފޮރެސްޓް ޕާކެއް ގާއިމްކޮށް ތަރައްގީ ކުރުމާއި ހއ. އުތީމުގައި ކަނދުވަލު މިސްކިތާއި މިސްކިތާއި ގުޅިފައިވާ އާސާރުތައް ތަރައްގީ ކުރުމާއި ހއ. އުތީމު ގަނޑުވަރު ތަރައްގީކޮށް އަލިކުރުމުގެ ނިޒާމު ގާއިމްކުރުމާއި ހއ. އުތީމު ބަނދަރު ސަރަހައްދުގައި ބޮޑުތަކުރުފާނުގެ ހަނދާނުގައި ދޮރުއަށްޓަކާއި އިސް ރަށްވެހިންގެ ޕާކެއް ތަރައްގީކުރުން އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ހީނާ ވިދާޅުވީ، މި އަހަރުވެސް ގައުމީ ދުވަސް ފާހަގަ ކުރާނީ އުތީމުގައި ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުން އަންނަ ކަމަށެވެ.
"މި އަހަރުގެ ގައުމީ ދުވަސް އަންނަންވާއިރަށް މި ޕްރޮޖެކްޓްތައް ނިމި އިފްތިތާހުކުރެވޭނެ ކަމަށް މި އުންމީދު ކުރަނީ،" ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، ހއ. ތަކަންދޫގެ އެވޭލާ ހިރިގަލުގެ މަސައްކަތާއި ވެއު ގަބުރުސްތާނު ސަރަހައްދު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ތަކަންދޫގައި އަލިތަކުރުފާނުގެ ހަނދާނީ މަރުކަޒެއް ބިނާކުރުމަށްޓަކައި އެ ޕްރޮޖެކްޓްގެ ކޮންސެޕްޓްތައް ރާވައި އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައިވާ ކަމަށެވެ.
މީގެ އިތުރުން ހއ. ބާރަށުގައި ކަޅުއޮށްފުންމި ބަން ސަރަހައްދާއި ހުރިވާރުގެ ރަށްވެހިގެ މިއުޒިޔަމެއްގެ ގޮތުގައި ތަރައްގީކުރުމަށް މި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ބާރަށުގެ ކަމަނާ މަގު ޒިޔާރަތްކުރާ މީހުންނަށް ތަޖުރިބާކުރެވޭ ގޮތަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް އާރްޑީސީއާ ހަވާލުކޮށްްގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
އެ ތިން ރަށުގެ އާސާރުތަކުގެ އިތުރުން އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތް އާބާތުރަ ފިލުވާ ތަރައްގީކުރުމުގެ މަޝްރޫއު އާއި ހއ. ކެލާ ލިލީ ހައުސް ސައިޓް މިއުޒިޔަމް ތަރައްގީކުރުމުގެ މަޝްރޫއު އާއި ށ. މަރޮށި ތަރިކައިގެ މަޝްރޫއުގެ އިތުރުން މާލޭގެ ސަލްޓަން ޕާކުގައި ހުންނަ އުސްގެކޮޅާއި އުސްގެކޮޅު އިންޓަރެކްޓިވް އިމާސިޒް މިއުޒިޔަމެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރެއިން އުސްގެކޮޅުގެ މަސައްކަތް މިދިޔަ ހަފްތާގެ ތެރޭގައި އެފްޑީސީއާ ހަވާލުކުރެވިގެން އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
އަލީ ޔާމިން
ހއ. އުތީމު
ހއ. އުތީމު
ހއ. އުތީމު
ހއ. އުތީމު