ރާއްޖޭގެ ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެސްޓީއޯ ހެލްތުކެއާ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި "ބޭޔާ" (Bayer) ގެ ފާމަސޫޓިކަލް އުފެއްދުންތައް ރަސްމީކޮށް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ އެ އުފެއްދުންތައް ތައާރަފު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތާއި، ސިއްހީ ދާއިރާގެ މާހިރުންނަށް އަމާޒުކޮށްގެން ބޭއްވި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މާލޭގެ ހޮޓެލް ޖެންގައެވެ.

އެ ބައްދަލުވުމުގައި ސިއްހީ ދާއިރާގެ އިސް ބޭފުޅުންނާއި ރާއްޖޭގެ ސިއްހީ މާހިރުންގެ އިތުރުން ބައިނަލްއަގުވާމީ ސިއްހީ މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ރަސްމިއްޔާތުގެ މައިގަނޑު މަގުސަދަކީ ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރާ އެންމެ ފަހުގެ އީޖާދީ ވަސީލަތްތައް ތައާރަފުކުރުމެވެ.

އެގޮތުން ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކާއި ހޯމޯނަށް އަންނަ ބަދަލުތަކާ ގުޅޭ ބަލިތަކާއި (Endocrinology)، އެތެރެހަށީގެ ބަލިތަކުގެ އިތުރުން އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން ހޯދިފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރެވުނު ކަމަށް ބުންޏެވެ.

3 މެއި 2026: އެސްޓީއޯއިން ބޭޔާ ފާމަސޫޓިކަލްސްގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފުކުރުން --- ފޮޓޯ/ އެސްޓީއޯ

ތައާރަފް ކުރި ފަރުވާތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރަމުންދާ، ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ އަދި ބަލިމީހުންގެ ފަރުވާގެ ނަތީޖާ ރަނގަޅު ކުރުމުގައި ކާމިޔާބުކަން ސާބިތުވެފައިވާ އީޖާދީ ފަރުވާތަކެއް ކަމަށެވެ. އެ ފަރުވާތައް ރާއްޖެއަށް ތައާރަފު ކުރީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހަރުދަނާ އަދި އިތުބާރު ހުރި އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީ ކުރެވިގެން ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ ހެލްތުކެއާ އާއި ބޭޔާ ކުންފުނި ގުޅިގެން ފެށި އެެ މަސައްކަތަކީ ރާއްޖޭގެ ގައުމީ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ފަރުވާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދެ ފަރާތުން ކުރާ މަސައްކަތުގެ ހެއްކެކެވެ. މި ފެށި ގުޅުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.