ސަރުކާރު ހިންގާ، ޕީއެންސީގެ ތަރުޖަމާނުގެ މަގާމަށް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ހަމަޖައްސައިފިއެވެ.

ޕީއެންސީގެ ތަރުޖަމާނަކަށް އެންމެ ފަހުން ހުންނެވީ އޭރު ސަރުކާރުގެ ތަރުޖަމާނުކަމުގެ މަގާމު ވެސް އަދާކުރައްވަމުން ގެންދެވި ހީނާ ވަލީދެވެ. ނަމަވެސް މިދިޔަ މަހުގެ 14 ގައި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ކަމުގެ މަގާމަށް ހީނާ އައްޔަންކުރެއްވުމާއެކު ޕީއެންސީ އަދި ސަރުކާރުގެ ތަރުޖަމާނުކަމުގެ މަގާމުން ވަނީ އިސްތިއުފާދެއްވައިފައެވެ.

ޕީއެންސީން ވަނީ އެ ޕާޓީގެ ތަރުޖަމާނަކަށް ފިރުޒުލް ހަމަޖައްސާފައިވާކަން އިއުލާންކޮށްފައެވެ. ފިރުޒުލް ގެންދަވަނީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމު ވެސް އަދާކުރައްވަމުންނެވެ.

މީގެ ކުރިން ފިރުޒުލް ވަނީ، ރިޔާސީ އިންތިހާބަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިގާލީ ތަރުޖަމާނުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.