މިއަދަކީ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހެވެ. ނުވަތަ މޭޑޭއެވެ. މުޅި ދުނިޔޭގައި ފާހަގަކުރާ ބޮޑު ދުވަހެކެވެ. ކޮންމެ ގައުމަކަށް ކޮންމެ މުޖުތަމައަކަށް ވެސް މުހިންމު ދުވަހެކެވެ. މިދުވަހަކީ ވަރަށް ޒަމާންވީ ދުވަހެކެވެ. ދުވަސް ނިސްބަތްވަނީ މީގެ 137 އަހަރު ކުރިން 1 މޭ 1889ގައި ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ޔޫރަޕުގެ މަސައްކަތްތެރިކަމުގެ ފެސްޓިވަލް ބޭއްވުނު ތާރީޚަށެވެ.
ދިވެހިރާއްޖޭގައި މީގެ 93 އަހަރު ކުރިން 1932ގައި ގާނޫނުއަސާސީއެއްގެ ދަށުން ވެރިކަން ހިންގަން ފެށުމާއެކު އެންމެ ފުރަތަމަ އުފެދުނު ވުޒާރާތަކުގެ ތެރެއިން ވުޒާރަތުއްޒިރާޢަތުގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މަސައްކަތްތެރިކަން ކުރިއެރުވުން ހިމެނެއެވެ. އަދި ދައުލަތުގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ވުޒާރަތުލްއަޝްޣާލު ވެސް އުފެދުނެވެ.
1932ގައި ރާއްޖޭގެ ފުރަތަމަ ދުސްތޫރީ ސަރުކާރުގެ މި 2 ވުޒާރާގެ ވަޒީރު ކަމުގައި ވަޒީރުލްއަޝްޣާލު އަދި ވަޒީރުއްޒިރާޢަތަކީ ގަލޮޅުގޭ މުޙައްމަދު ދީދީއެވެ. ލޭބަރުގެ ނަމުގައި 1988ގައި މިނިސްޓްރީއެއް އުފެދުނެވެ. އެެއީ މިނިސްޓްރީ އޮފް ޕަބްލިކްވާކްސް އެންޑް ލޭބަރެވެ.
ދިވެހިންނަކީ އެންމެ ކުރީ ޒަމާންތަކުން ފެށިގެންވެސް ހީވާގި، މުރާލި، މަސައްކަތްތެރި ބައެކެވެ. މަސްވެރިކަމެވެ. ދަނޑުވެރިކަމެވެ. ރާވެރިކަމެވެ. ކަނބުރުވެރިކަމެވެ. ތިލޭރުކަމެވެ. ގަލުވަޑާމެވެ. ކިއްސަރުވަޑާމެވެ. ތެދުއުއިވަޑާމެވެ. އަތްތެރިކަމުގެ ތަފާތު މަސައްކަތްތަކެވެ. މިހުރިހާ މަސައްކަތްތަކަކީ ދިވެހީން މީގެ 1000 އަހަރުކުރިންވެސް ވަރަށް މޮޅުކޮށް ކުޅަދާނަކަމާއެކު ކޮށްއުޅުނު މަސައްކަތްތަކެކެވެ.
މަސްވެރިކަމުގެ މަސައްކަތްތަކާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ހިމެނިފައި ވަނީ، އެންމެ ކުރީގެ ޒަމާންތަކުން ފެށިގެން 1970ގެ އަހަރުތަކާއި ހަމަޔަށް ރާއްޖޭގެ އެންމެ ބޮޑު ސިނާއީ މަސައްކަތްތައް ކަމުގައެވެ. މީގެ 113 އަހަރު ކުރިން ރާއްޖޭގެ ފުރަތަމަ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު 1911ގައި ރާއްޖޭގެ 72,000ގެ އާބާދީގެ މަސައްކަތު ފިރިހެނުންގެ 40 އިންސައްތަ މީހުންގެ މަސައްކަތަކީ މަސްވެރިކަމެވެ. އެއީ 14,000އަށްވުރެ ގިނަ ފިރިހެނުންނެވެ. އަދި 1911ގައި ރާއްޖޭގެ މަސައްކަތު އަންހެނުންގެ އާބާދީގެ 34 އިންސައްތަ އަންހެނުންނަކީ ބޮނބިތަޅައި ރޯނުވެށުމުގެ މަސައްކަތްކުރި އަންހެނުންނެވެ. އެއީ 10,000އަށްވުރެ ގިނަ އަންހެނުންނެވެ. މިއިން ސާބިތުވަނީ ދިވެހި ފިރިހެނުންނާއި ދިވެހި އަންހެނުންގެ މުރާލިކަމާއި މަސައްކަތްތެރިކަމެވެ.
ރާއްޖޭގެ އަމިއްލަ ދާއިރާ (ޕްރައިވެޓް ސެކްޓަރ)ގައި ނިޒާމީ ލޭބަރފޯހެއް ނުވަތަ ވަޒީފާ އަދާކޮށް މުސާރަ ލިބޭ ނިޒާމެއް، ރާއްޖޭގައި ފުރަތަމަ ތައާރަފުވީ 1950ގެ އަހަރުތަކުގެ ފަހުކޮޅު އައްޑުއަތޮޅުގައެވެ. މީގެ 50 އަހަރު ކުރިން، 1970ގެ އަހަރުތަކުގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވުމާއެކު ރާއްޖޭގައި ޒަމާނީ ލޭބަރފޯހެއް އުފެދުނެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް 20 އަހަރުވީއިރު، ފަތުރުވެރިކަން ވަނީ ރާއްޖޭގެ އިގުތިސާދުގެ 1ވަނަ ސިނާއަތަށް ވެފަައެވެ. މިއީ ފަތުރުވެރިކަމުގެ 50 އަހަރު ރަންޔޫބީލު މުނާސަބު ވަގުތުކަމަށްވީހިނދު، މީގެ 25 އަހަރު ކުރިން 2000ގެ އަހަރުތައް ފެށުނުއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް ދުނިޔޭގެ ފެންވަރުގެ އެވޯޑްތައް ލިބެން ވަނީ ފަށާފައިކަން ފާހަގަކުރެވެއެވެ. އޭގެފަހުގެ އަހަރުތަކާއި މިހާރު ރާއްޖޭގެ ފަތުރުވެރިކަން މިވަނީ އެތައް ރޮނގަކުން ދުނިޔޭގެ 1ވަނަ ދަރަޖައިގައިކަން ފާހަގަކުރެވެއެވެ.
ރާއްޖޭގެ އިގުތިސާދުގެ އަދި ވަޒީފާގެ ބާޒާރާއި މަސައްކަތްތެރިކަމުގެ މަައިގަނޑު ސިނާއަތްތައް:
- ފަތުރުވެރިކަމުގެ ސިނާއަތު
- ދަތުރުފަތުރާއި މުވާސަލާތާއި ޓެކުނޮލޮޖީގެ ސިނާއަތު
- އިމާރާތްކުރުމުގެ ސިނާއަތު
- އާންމު ވިޔަފާރީގެ ސިނާއަތު
- މަސްވެރިކަމުގެ ސިނާއަތު
- ދަނޑުވެރިކަމުގެ ސިނާއަތު
މިއަދު ރާއްޖޭގެ ލޭބަރު ފޯހުގައި ދިވެހީންނަށްވުރެ ބިދޭސީން ގިނައެވެ. ވީމާ، ދިވެހި މަސައްކަތްތެރިންގެ މަސައްކަތުގެ ސުލޫކު ރަނގަޅުކޮށް ދިވެހި މަސައްކަތްތެރިން ވަނީ އިތުރުކުރަން ޖެހިފައެވެ. ކޮންމެ މަސައްކަތަކީވެސް މުހިންމު މަސައްކަތެކެވެ. މިގައުމު ކުރިއެރުން ވަނީ މަސައްކަތުންނެވެ. މިތާނގައިވާ ހުނަރުވެރިންގެ ހިންމަތުންނެވެ.
ޝާޠިރު ކަލަމިންޖާ

މަސައްކަތްތެރީންގެ ދުވަސް
މަސައްކަތްތެރީންގެ ދުވަސް
މަސައްކަތްތެރީންގެ ދުވަސް
މަސައްކަތްތެރީންގެ ދުވަސް