ދުނިޔޭގެ އެންމެ ބޮޑު ހަނގުރާމަ ކަމުގައިވި ދެވަނަ ބޮޑު ހަނގުރާމަ 1945ގައި ނިމި، މިސަރަހައްދުގެ ގައުމުތައް އިނގިރޭސި އިސްތިއުމާރުން މިނިވަންވާން ފެށިއެވެ. މިގޮތުން ދިވެހިރާއްޖެއަށް ދާޚިލީ މިނިވަންކަން ލިބުން ފާހަގަކުރަންޖެހެއެވެ. ދިވެހިރާއްޖެއަށް ދާޚިލީ މިނިވަންކަން ލިބުނު ތާރީޚީ ދުވަހަކީ 24 އޭޕުރީލު 1948 އެވެ. ވީމާ، މި ހިނގާ އޭޕުރީލު 24 އަށް 78 އަހަރު ފުރުނީއެވެ. ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގައި ބޭއްވުނު ތާރީޚީ ދަރުބާރުގައި މިކަމުގެ އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ރަސްކަމުގެ މަޖިލިސް (ވަލީ ކޮމެޓީގެ) ޢިއްޒަތްތެރި 2 ބޭފުޅުން ކަމުގައިވި ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނާއި، އަންނަބީލު މުޙައްމަދު އަމީނެވެ. (މުޙައްމަދު އަމީނަށް ކިލެގެ ކަމަށް ކޮލިލެވި އަމީރެއް ނުވަތަ ސުމުއްވުލް އަމީރެއްގެ ޝަރަފު ލިބިވަޑައިގަތީ އެއިގެ ފަހުންނެވެ.) އެއިރު ސަރުކާރު ހިންގަވަނީ އަންނަބީލު މުޙައްމަދު އަމީނެވެ. ދައުލަތުގެ އެންމެ ޝަރަފުވެރި ވެރިޔާގެ ޢިއްޒަތް، ސުމުއްވުލް އަމީރު ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު، އަލްމުންތަޚަބް ލިއަރުޝިއް ދައުލަތުލް މަޙަލްދީބިއްޔާ ނުވަތަ ދިވެހިރާއްޖޭގެ އިންތިޚާބީ ރަދުންނަށެވެ. 24 އޭޕުރީލު 1948ގައެވެ!ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގައި ބޭއްވުނު މި ތާރީޚީ ދަރުބާރުގެ އެންމެ ބޮޑު ޝަރަފުވެރިޔާއަކީ އެކިލެގެފާނެވެ. މިއީ މިރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމުގެ އެންމެ ބޮޑު އެއްމަސަައްކަތެވެ. ރަައީސް އަމީނުގެ އިބާރާތުންނަމަ އެމަނިކުފާނަށް ދިވެހި މިލޮބުވެތި ގައުމަށް ޚިދުމަތެއް ކޮށްދެވުނުނަމަ ކޮށްދެވުނު އެންމެ ބޮޑު ޚިދުމަތް ކަމުގައެވެ!އެހެންކަމުން މިދުވަަސް މިނިވަން ދުވަސް ކަމުގައި އަމީނީ ދައުރު ނިމުމާއި ހަމަޔަށް 1953 ފުރަތަމަ ޖުމުހޫރިއްޔަތު ނިމުމާއި ހަމަޔަށް ފާހަގަކުރެވިފައިވެއެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، ޖުލައި 26، 1965 މިދުވަހު ހެނދުނު ދިހައެއްޖެހިއިރު ސިލޯނުގެ ވެރިރަށް ކޮޅުނބުގައެވެ. ދިވެހިދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ ހައިކޮމިޝަނަރ މައިކަލް ވޯކަރެވެ. މިއެއްބަސްވުމުގައި ސޮއިކުރެވުމާއެކު، ޑިސެމްބަރު16، 1887އިން ފެށިގެން އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތްއޮތުން 77 އަހަރަށްވުރެ ގިނަދުވަސްވުމަށްފަހު ނިމުމަކަށްއައީއެވެ.

ކުރީގެ ތާރީޚުން ގައުމީ މިނިވަންކަމުގެ މަތިވެރިވި އަޖުދާދުން

ބޮޑުތަކުރުފާނު، އުތީމު މަހާރަދުން (އައްސުލްޠާނުލް ޣާޒީ މުޙައްމަދު ސިރީ ސަވާދީއްތަ މަހާރަދުން) އިސްވެ ހުންނަވައިގެން ކުރެއްވެވި ގައުމީ ޖިހާދުން ފޯޗުގީޒުން އަޅުވެތި 1573) 15 އަހަރުގެ އަޅުވެތި އަނިޔާވެރި އިސްތިއުމާރުން ދިވެހިން ސަލާމަތްކުރައްވައި 981، މީލާދީގޮތުން 1573ގައި މިލޮބުވެތި ވަތަނަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި ގައުމީ އެންމެ މަތިވެރި ބަތަލެވެ. އޭގެފަހުން އުތީމު ދަރިކޮޅުން އުފެދުނު ދިވެހިރާއްޖޭގެ ޝުޖާޢީ (އާރާއިބާރުގަދަ/ އަސްކަރީ) މަހާރަދުން ކަމުގައިވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އައްވަލު) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (1621-1648) (ބޮޑު ރަސްގެފާނު) އެއީ، އަސްކަރީ ނުވަތަ ދިފާއީގޮތުން ދިވެހި ގަައުމަށް އެންމެ ވަރުގަދަ އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަދި ކަމުގެ އިލްމާއި ހުނަރާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ މަހާރަދުންނެވެ. ބޮޑުރަސްގެފާނުގެ ލޮބުވެތި އަގުހުރި ދަރިކަލުން އައްސުލްޠާނުލް ޣާޒީ އިބްރާހީމް އިސްކަންދަރު (އައްވަލު) ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަކީ (1648-1687) ބައްޕާފުޅަށްވުރެވެސް މާއަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ދިވެހި ގައުމަށް ކޮށްދެއްވި ދިވެހިރާއްޖޭގައި އެންމެ އައުދާނަ މަހާރަދުންނެވެ.

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި ޕޯޒުގީޒުންނާއި މަލާބާރީން ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކަކީ، އެދެބައިމީހުން ރާއްޖެ އަޅުވެތި ކުރި ފަހަރުތަކަށްވުރެ ބޮޑެތި ޢުދުވާނީ ހަމަލާތަކެކެވެ. އިސްކަންދަރު ރަސްގެފާނަކީ މިބޮޑެތި އުދުވާނީ ހަމަލާތަކުން ދިވެހި ގައުމު ދިފާއު ކުރައްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި، ދިވެހި އަސްކަރުގެ ލަޝްކަރުގެ ކޮމާންޑަރ އިން ޗީފް އަދި ޣާޒީ ރަަސްކަލެއްގެ ޝަރަފު ލިބިވަޑަައިގެންނެވި މަތިވެރި މަހާރަދުންނެވެ. ޕޯޗުގީޒުންނާއި މަލާބާރީންނަށް އެހާތަނަށް ދިވެހިރާއްޖެއިން ދެމުންއައި ޖިޒީ ނުދެއްވައި، ދިފާއީ ސިޔާދަތީ ބާރާއެކު އަމިއްލަވަންތަ ދިވެހިގައުމުގެ ރަސްކަން ކުރެއްވި އެންމެ އައުދާނަ ގައުމީ ބަޠަލެވެ. ރާއްޖޭގެ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (1759-1767) ދޮންބަންޑާރައިންނާއި، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި މަހާރަދުން (1767- 1773) ޙާޖީ ބަންޑާރައިން / ޝަހީދުކުޅަ ބަންޑާރައިންގެ އަގުހުރި ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގައުމީ ޚިދުމަތްތައް ތާރީޚުގައި ވަނީ ރަން އަކުރުންނެވެ. މި 2 ރަސްކަލުންނަކީވެސް، ބޭރުގެ އުދުވާނީ ހަމަލާތަކުން ދިވެހި ގައުމު ދިފާއު ކުރައްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި މަތިވެރިވި ދިވެހި އަޖުދާދުން ގައުމީ އަބްޠާލުންނެވެ.

ދިވެހިރާއްޖެއަކީ މިނިވަންކަމުގެ ތާރީޚުގައި މުޅިދުނިޔެއިންވެސް ފާހަގަކުރެވޭ ފަޚުރުވެރި ހާސްއަހަރުވީ ޝަރަފުވެރި ތާރީޚެއް އޮތް ގައުމެކެވެ! މި ލޮބުވެތި ވަތަން މިނިވަންކަމުގައި އަބަދަށެވެ! އިންޝާﷲ

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެބޮޑު ނޫސް "ހަވީރު" ނޫހުގައި 15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރުގެ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައިވެއެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.