ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ "ބިންވެރިޔާ" ހާއްސަ ސްކީމްގެ އުސޫލަށް ބަދަލު ގެނެސް، ތިންވަނަ ކެޓަގަރީއެއް އިތުރުކޮށްފިއެވެ.

ހައުސިންް މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ، ބިންވެރިޔާ ހާއްސަ ސްކީމްގެ އުސޫލަށް ގެނައި މި އިސްލާހު މިހާރު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. މި އިސްލާހާއެކު ސްކީމަށް އަލަށް އިތުރުކުރެވުނު ތިންވަނަ ކެޓަގަރީގެ ދަށުން އެޕްލިކޭޝަން ހުށަހަޅުމުގެ ފުރުސަތު ވަކި ބަޔަކަށް ލިބިގެންދާނެއެވެ.

އެ ކެޓަގަރީގެ ދަށުން ފޯމު ހުށަހެޅޭނީ ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން އަމިއްލަ ނަމުގައި (ސިންގަލް އެޕްލިކޭޝަން) ފޯމު ހުށަހަޅައިގެން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން، އެ ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ބަދަލުވާން އެދޭ ފަރާތްތަކަށްކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ޖޮއިންޓް އެޕްލިކޭޝަނެއްގެ ދަށުން ގޯތި ލިބިފައިވާ ހުރިހާ މީހުން އެ ގޯތި ދޫކޮށްލުމަށްފަހު، ވަކިވަކިން ގޯއްޗާއި ފްލެޓަށް އެދެން ބޭނުންވާ ފަރާތްތަކަށްވެސް އެ ކެޓަގަރީގެ ދަށުން ފުރުސަތު ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިންގ މިނިސްޓްރީން ބުނި ގޮތުގައި، އަލަށް އިތުރުކުރި މި ތިންވަނަ ކެޓަގަރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހުޅުވާލާނެއެވެ.

މި ބަދަލާއެކު "ބިންވެރިޔާ" ހާއްސަ ސްކީމްގެ ކެޓަގަރީތައް ތަރުތީބުވެފައިވާ ގޮތަކީ:

  • ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން
  • ކެޓަގަރީ 2: ސަރުކާރުގެ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު މީހުން
  • ކެޓަގަރީ 3: ކުރީގެ ބިންވެރިޔާ ސްކީމުން ލިބުނު ގޯތި ދޫކޮށް ފްލެޓަށް އެދޭ މީހުން ނުވަތަ ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުން

ހައުސިން މިނިސްޓްރީންވަނީ ގޯއްޗާއި ފްލެޓަށް އެދުމުގެ ސުންގަޑި އަންނަ މަހުގެ 31 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން ސަރުކާރުން ވަނީ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމައިފައެވެ. މީގެ ތެރޭގައި މާލޭ ރަށްވެހިންނަށް 4,000 ފްލެޓާއި، މާލޭގައި ދިރިއުޅޭ ނަމަވެސް މާލޭ ރަށްވެހިން ނޫން ފަރާތްތަކަށް 1,500 ފްލެޓް ހިމެނެއެވެ.

އަދި ރަސްމާލެ މަޝްރޫއުގެ ދަށުން ޖުމްލަ 25,000 ގޯތި ދޫކުރުމަށްވެސް ހަމަޖެހިފައިވެއެވެ.