ސްރީ ލަންކާގެ ބަނދަރުގައި ރާއްޖެއަށް ނުގެނެވި ތާށިވެފައި ހުރި 2،500 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ، އަންނަ ހަފުތާގެ ތެރޭގައި ރާއްޖެއަށް ގެނައުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިޒްރޭލް އިސްވެ އޮވެ އިރާނަށް ދިން ވައިގެ ހަމަލާތަކުގެ މިހާރު ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ޝިޕިން ރޫޓުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
"ހަނގުރާމައާއި ގުޅިގެން އައި ބަދަލުތަކާއެކު، ލަންކާގައި މިވަގުތު ލަސްވެފައިހުރި ކޮންޓައިނާ ކުރިއަށް އޮތް ހަފުތާގައި އަޅުގަނޑުމެންނަށް އެމްޕީއެލްއިން މައުލޫމާތު ދެއްވާ ގޮތުގައި 2،500 އަށްވުރެ ގިނަ ކޮންޓައިނަރގެ ތަކެތި ތިން ވެސެލްއިން ދިވެހިރާއްޖެއަށް ގެންނާނެ". ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޝިޕިންގް ރޫޓުތަކަށް އަންނަ ބަދަލުތަކާއެކު ރާއްޖެއަށް މުދާ އެތެރެކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެ މަސައްކަތްތަކުގެ ސަބަބުން މުދާ ގެނައުމުގައި ހުރި ބާރުބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރި މުދަލުގެ ނިސްބަތް މިދިޔަ އަހަރާ އަޅާބަލާއިރު 19 ޕަސަންޓާއި 20 ޕަސަންޓްއާ ދެމެދުގެ މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ. އަދި ބާޒާރުގައި ތަކެތީގެ އަގުތަކަށް ބަލާއިރު، މިދިޔަ މާޗު މަހު އަސާސީ ކާބޯތަކެތީގެ އަގު އުފުލިފައިވަނީ އެންމެ 1.95 ޕަސަންޓުކަމަށް ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބައެއް ބާވަތްތަކުގެ އަގު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައި ކަމަށެވެ. އެގޮތުން ތަރުކާރީގެ އަގު ފަސް ޕަސަންޓަށް ދަށަށް ގޮސްފައިވާއިރު، މޭވާގެ ބާވަތްތަކުގެ އަގު ވަނީ 15.56 ޕަސަންޓަށް ދަށަށް ގޮސްފައިކަމަށް ސައީދު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުނު ނުދީ ހިފެހެއްޓުންކަމަށް ސައީދު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު