ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެންބަރަކު އޭނާ މަޖިލީހުގައި ހިމެނޭ އަދި ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ގާނޫނު އަސާސީއާ ހިލާފްކަމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނިމުމުގެ ކުރިން، އެ އިސްލާހުގައިވާގޮތަށް، މަޖިލީހުގެ އެއްވެސް މެންބަރުން ވަކި ކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންމުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް ނެރެދޭން އެދުނު އަމުރު ނެރެދޭނެ ތަނެއް ނެތްކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 20 ނޮވެމްބަރު 2024 ގައެވެ.
ހަމަ އެރޭ ގާނޫނު އަސާސީއަށް ގެނައި އެ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައި އަމަލުކުރަން ފެއްޓެވިއެވެ.
ރަައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރެއް، މެންބަރުކަމުން ވަކިވާނެ ހާލަތްތައް ބަޔާންކޮށްފައިވާ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން، ނުވަތަ އެ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން، ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަކީ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމެއް ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަކީވެސް މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ހާލަތެއް ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސިއާ ހިލާފް އިސްލާހެއްކަމަށްބުނެ އެ އިސްލާހު ބާތިލުކުރުމަށް ސުޕުރީމް ކޯޓަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.
މި މައްސަލަ ހުށަހެޅުމަށްފަހު، މި ދުސްތޫރީ މައްސަލައިގެ މައުލޫއުގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ ދަށުން މަޖިލީހުގެ އެއްވެސް މެންބަރަކު މަގާމުން ވަކިކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އަލީ ހުސެއިން ސުޕްރީމް ކޯޓުގައި އެދުނެވެ.
ނަަމަވެސް މި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި، މި ވަގުތީ އަމުރާ މެދު ނިންމި ގޮތް ހާމަކުރައްވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވީ، ވަގުތީ އަމުރާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށާއި، ޝަރީއަތުގައި ހިނގަމުންދާ މައްސލަތަކުގައި ވަގުތީ އަމުރު ނެރެދިނުމާ މެދު ކަނޑައެޅިފައިވާ ގާނުނީ އުސޫލުތަަކަށާއި، މީގެކުރިން ސުޕްރީމް ކޯޓުން އެ މައުލޫއުގައި ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތްކުރާ އިރު، މި މައްސަލައިގައި ހަވާލާދޭ ކަންކަމުގެ ތެރޭގައި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ ސަލާހިއްޔަތާމެދު ސުވާލު އުފެދުން ހިމެނޭ ކަމަށެވެ.
އެހެންކަމުން އަލީ ހުސެއިން އެދިފައިވާގޮތަށް އެ އަމުރު ނެރުމުގެ ނަތީޖާއަކީ މި މައްސަލައިގައި މައުލޫއީ ގޮތުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާއަަށް އަސަރުކުރުން ކަމަށް ބުރަ ވެވޭތީ އަލީ ހުސެއިން އެދިފައިވާ ފަދައިން ވަގުތީ އަމުރެއް ނެރެދޭނެ ތަނެއް ނެތް ކަމަށެވެ.
އިބްރާހިމް ޒަކީ
އޭއައި
ބޯހިޔާވަހިކަން
އައިފޯން
ރައްޔިތުންގެ މަޖިލިސް