ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެންބަރަކު އޭނާ މަޖިލީހުގައި ހިމެނޭ އަދި ތަމްސީލުކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ގާނޫނު އަސާސީއާ ހިލާފްކަމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވަންދެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ނުހިންގުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރު ކުރާނެ ހަމައެއް ނެތް ކަމަށް ހުކުމްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ރައީސް މުއިއްޒުގެ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 20 ނޮވެމްބަރު 2024 ގައެވެ.
ހަމަ އެރޭ ގާނޫނު އަސާސީއަށް ގެނައި އެ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައި އަމަލުކުރަން ފެއްޓެވިއެވެ.
ރަައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރެއް، މެންބަރުކަމުން ވަކިވާނެ ހާލަތްތައް ބަޔާންކޮށްފައިވާ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް ގެނަސްފައިވާ އިސްލާހުގައި ބުނެފައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުން ގެމަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން، ނުވަތަ އެ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން، ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަކީ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމެއް ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަކީވެސް މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ހާލަތެއް ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސިއާ ހިލާފު އިސްލާހެއް ކަމަށްބުނެ އެ އިސްލާހު ބާތިލުކުރުމަށް ސުޕުރީމް ކޯޓަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.
ދުސްތޫރީ މައްސަލައިގެ މައުލޫއުގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، އެ ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އަލީ ހުސެއިން ސުޕްރީމް ކޯޓުގައި އެދުނެވެ.
ދުސްތޫރީ މި މައްސަލަ ނިންމުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލް އޮތްކަން ފާހަގަކޮށް އޭނާ އެދުނީ، އެގޮތަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ފަނޑިޔާރުންގެ މައްޗަށް ނުހިންގުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާ އަމުރުކޮށްދިނުމަށެވެ.
މި މައްސަލައިގެ ހުކުމް އިއްވުމަށް މިއްދު ބޭއްވި އަޑުއެހުމުގައި، މި ވަގުތީ އަމުރާ މެދު ނިންމި ގޮތް ހާމަކުރައްވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވީ، ވަގުތީ އަމުރާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށާއި، ޝަރީއަތުގައި ހިނގަމުންދާ މައްސަލަތަކުގައި ވަގުތީ އަމުރު ނެރެދިނުމާ މެދު ކަނޑައެޅިފައިވާ ގާނުނީ އުސޫލުތަަކަށާއި، މީގެކުރިން ސުޕްރީމް ކޯޓުން އެ މައުލޫއުގައި ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތްކޮށް، މި އަމުރަކީ ފަނޑިޔާރުންގެ އަމިއްލަ މައްސަލައެއްގައި، އަމިއްލައަށް، ނިޔާ ކަނޑަނޭޅޭނެކަމަށް ބުނާ ތޮބީއީ އަދާލަތުގެ ހަމަޔާ ހިލާފަށް، މި މައްސަލަ ބަލާ ފަނޑިޔާރުންގެ މަސްލަހަރުގައި ނެރެދިނުމަށް އެދިފައިވާ އަމުރެއް ކަމަށެވެ.
އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ފަދަ ވަގުތީ އަމުރު ނެދެވޭނެ ހަމައެއް، ނެތްކަމަށް ކަނޑައަޅައި އެކަން މަސައްލައިގައި ހިމެނޭ ފަރާތްތަކަށް އަންގާ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ބޯހިޔާވަހިކަން
އައިފޯން
ރައްޔިތުންގެ މަޖިލިސް
ކުޑަކުދީން