ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ 2006 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "ކަބީ އަލްވިދާ ނާ ކެހެނާ" ވެބް ސީރީޒަކަށް ބަދަލުކުރުމުގެ މަސައްކަތް އޭނާގެ ޕްރޮޑަކްޝަން ހައުސް، ދަރްމާ ޕްރޮޑަކްޝަންސްއިން ފަށައިފިއެވެ. މިއީ ޑިޖިޓަލް ސްޓްރީމިން ބެލުންތެރިންނަށް އަމާޒުކޮށްގެން، ފިލްމުގެ އަސްލު ވާހަކަ އާ ގޮތަކަށް ގެނެސްދިނުމަށް ފަށާފައިވާ ޕްރޮޖެކްޓެއް ކަމަށް ހަބަރުތައް ބުނެއެވެ.

މިކަން ކަށަވަރުކޮށްދެމުން ކަރަން ޖޯހަރު މީޑިއާއަށް ބުނީ، މި ފިލްމުގެ މައްޗަށް ބިނާކޮށް ދިގު ސީރީޒެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ސީރީޒް ސްޓްރީމް ކުރާނެ މަޝްހޫރު އޯޓީޓީ ޕްލެޓްފޯމަކާ މެދު މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ސީރީޒް ނެރޭނެ ވަކި ތާރީހެއް އަދި ޕްލެޓްފޯމެއް ދަރްމާ ޕްރޮޑަކްޝަންސްއިން ރަސްމީކޮށް ބުނެފައެއް ނުވެއެވެ.

ޝާހުރުކް ހާން، ރާނީ މުކަރްޖީ، އަބީޝެކް ބައްޗަން އަދި ޕްރީތީ ޒިންތާ ލީޑު ރޯލުތަކުން ފެނިގެންދިޔަ މި ފިލްމަކީ ކައިވެނީގެ ބޭރުން ހިންގާ ގުޅުންތަކާއި، ޖަޒުބާތީ ގޮތުން ދިމާވާ މައްސަލަތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ކަރަން ޖޯހަރު ފާހަގަކުރި ގޮތުގައި، 2006 ވަނަ އަހަރު މި ފިލްމު ނެރުނުއިރު ބެލުންތެރިންގެ ފަރާތުން ވަރަށް ތަފާތު ހިޔާލުތަކެއް ލިބުނެވެ. އެގޮތުން، ބައެއް މީހުން މި ފިލްމަކީ ކައިވެނީގެ ބޭރުން ގުޅުން ހިންގުމަށް ހިތްވަރުދޭ ފިލްމެއް ކަމަށް ބުނެ ފާޑުކިޔާފައިވާކަން އޭނާ ފާހަގަކުރިއެވެ.

"އަހަރެމެން މިހާރު މި ފިލްމު ދިގު ސީރީޒަކަށް ބަދަލުކުރުމުގެ މަސައްކަތް މިކުރަނީ. މިއީ ވަކި ހާއްސަ ޕްލެޓްފޯމަކަށް އަމާޒުކޮށްގެން އުފައްދާ އެއްޗެއްކަން ޔަގީންކޮށްދެން" ކަރަން ޖޯހަރު ބުންޏެވެ. އޭނާ އިތުރަށް ބުނީ، ފިލްމު ނެރުނު ދުވަސްވަރު މީހުންގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، މިއަދުގެ މުޖުތަމައުގައި އެއީ އާންމު ކަމަކަށް ވެފައިވާ ކަމަށެވެ.

އިންޑަސްޓްރީގެ ހަބަރުތައް ބުނާގޮތުން، މި ސީރީޒްގައި މިޒަމާނުގެ ގުޅުންތަކުގެ މައްސަލަތައް އިތުރަށް ދިރާސާކޮށް، އާ ގޮތަކަށް ގެނެސްދޭނެއެވެ