އަދަދު" ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީސް ބަލައި ފާސްކޮށް، ބައެއް ތަކެތި ގެންދިއުމުގެ އިތުރުން ނޫހުގެ އިސްވެރިން ރާއްޖެއިން ފުރުން މަނާކުރި މައްސަލަ، ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ނިކް ލޯ އާއި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން މިއަދު ކުށްވެރިކޮށްފިއެވެ.

ސަފީރު ނިކް ލޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުން އަދަދު ނޫހުގެ އޮފީސް ރެއިޑްކުރި ހަބަރު ލިބުމަކީ ހިތްދަތި ކަމެއް ކަމަށެވެ. އަދި މީޑިއާގެ މިނިވަންކަމާ މެދު އޮތް ކަންބޮޑުވުންތައް އިނގިރޭސިވިލާތުން އަބަދުވެސް ފާޅުކުރަމުންދާ ކަމަށާއި، މިއީ ކޮމަންވެލްތުގެ މިންގަނޑުތައް ދަމަހައްޓަން ރާއްޖެއިން ދީފައިވާ އިތުބާރާ ނުގުޅޭކަމެއް ކަމަށެވެ.

"މިނިވަން މީޑިއާއަކީ ދުޅަހެޔޮ ޑިމޮކްރަސީއަކަށް ކޮންމެހެން ބޭނުންވާ ކަމެއް،" ސަފީރު ވިދާޅުވިއެވެ.

ސީޕީޖޭ އޭޝިއާ އިން ކުރި ޕޯސްޓެއްގައި ވަނީ އަދަދު ނޫހުގެ އޮފީހުން ފުލުހުން ގެންދިޔަ ސާމާނުތައް ވަގުުން ދޫކޮށްލުމަށާއި، އެ ނޫހުގެ ބައެއް އިސް ނޫސްވެރިން ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ގޮތުން ރިޕޯޓްކުރުން ހުއްޓުވުމަށް ޖިނާއީ ތުހުމަތުތައް ކުރުން ހުއްޓާލުމަށްވެސް ސީޕީޖޭއިން ވަނީ ގޮވާލާފައެވެ.

އަދަދު ނޫހުން ތައްޔާރުކުރި މި ޑޮކިއުމެންޓްރީގައި، ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ދައްކާފައިވާ ވާހަކަތަކެއް ބޭނުންކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ.

މި މައްސަލާގައި ފުލުހުން ވަނީ ރޭގެ ވަގުތެއްގައި އެ ނޫހުގެ އޮފީހަށް ވަދެ ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފައެވެ.

އެ ތަހުގީގާ ގުޅިގެން ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ އިތުރުން، ޑޮކިއުމެންޓްރީގައި ފުލުހުން ތުހުމަތުކުރާ އައިޝަތު އީޝާ އަޝްރަފްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ. ކޯޓު އަމުރުގައިވާ ގޮތުން، ފިޔާޒާއި ހަސަންގެ ޕާސްޕޯޓް ހިފެހެއްޓީ އެ މީހުން ރާއްޖެއިން ފުރައިގެން ގޮސްދާނެ ކަމަށް ބަލައި، އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ރައީސް މުއިއްޒަށް ގަޒްފުކުރި ކަމަށް ތުހުމަތުކުރާ މައްސަލަތަކުގައި މީޑިއާއެއްގެ އޮފީސް ފާސްކުރުމަކީ ފުލުހުންނަށް ލިބިގެންވާ ގާނޫނީ ބާރެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދެއްވާ ކަމަށާއި، ނަމަވެސް އެއީ މީހުންގެ އަބުރު ކަތިލަން އޮތް މިނިވަންކަމެއް ނޫން ކަމަށެވެ.

"ސީރިއަސް ތުހުމަތުތައް ހަދަހަދައިގެން ފެތުރުމަކީ ނޫސްވެރިކަމެއް ނޫން،" އިހުސާން ވިދާޅުވިއެވެ.