"އަދަދު" ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމަންޓްރީގެ މައްސަލައިގައި، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އެ ދެ މީހުން ފުލުހަށް ހާޒިރުވާން އަންގާފައި މިވަނީ، ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފުލުހުން އެ ނޫހުގެ އޮފީސް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފައިވަނިކޮށެވެ. މީގެ އިތުރުން، ތަހުގީގަށްޓަކައި އެ ދެ މީހުންގެ ޕާސްޕޯޓް ވެސް ވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހިފަހައްޓާފައެވެ.

ފިޔާޒާއި ހަސަންއަށް ފޮނުވި ޗިޓުގައިވާ ގޮތުން، އެ މީހުން ހާޒިރުކުރަނީ "އައިޝާ" ޑޮކިއުމަންޓްރީ އާންމުކުރުމުގައި އެ މީހުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސުވާލު ކުރުމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުން ރޭ ވަނީ "އަދަދު" ނޫހުގެ އޮފީހަށް ވަދެ، އެ ތަނުގައި ހުރި ގިނަ ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.