އޭސީ މިލާނަށް ކުޅެމުންދާ ކްރޮއޭޝިއާގެ ކެޕްޓަން، ލޫކާ މޮޑްރިޗްގެ ކޯ ކަށިގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ސާޖަރީއެއް ހެދި ނަމަވެސް، އޭނާ ވޯލްޑް ކަޕަށް ފިޓް ވާނެ ކަމަށް ކޯޗު ލަޓްކޯ ޑަލިޗް ބުނެފިއެވެ.

އުމުރުން 40 އަހަރުގެ މިޑްފީލްޑަރު މޮޑްރިޗަށް އަނިޔާވީ އޭސީ މިލާނުން ޔުވެންޓަސްއާ ދެކޮޅަށް ކުޅެ، 0-0 އިން އެއްވަރުވި މެޗުގައެވެ. އެއީ މެނުއަލް ލޮކަޓެލީ ގައިގައި ޖެހިގެންނެވެ.

މިލާނުން ބުނީ މޮޑްރިޗްގެ މޫނު މަތިން ކޯ ކަށިގަނޑާ ދިމާލުން ރެނދުއަޅާފައިވާ ކަމަށާއި، އަވަސް ރިކަވަރީއަކަށް މިހާރު ކާމިޔާބު ސާޖަރީއެއް ހަދާފައިވާ ކަމަށެވެ.

އަންނަ ޖޫން މަހު 11 ވަނަ ދުވަހު ވޯލްޑް ކަޕް ފަށާއިރު، މޮޑްރިޗްގެ ކްރޮއޭޝިއާއިން ފުރަތަމަ މެޗަށް ނުކުންނާނީ 17 ވަނަ ދުވަހުއެވެ. އެއީ އިގްލެންޑާ ދެކޮލަށެވެ.

ކޯޗު ޑަލިޗް ބުނީ ލޫކާއާ ވާހަކަ ދައްކަމުންދާ ކަމަށާއި، ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށެވެ. އަދި އެކަމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކްރޮއޭޝިއާ ގައުމީ ޓީމުން މިހާރުން ފެށިގެންވެސް ކުރަމުންދާނެ ކަމަށް އޭނާ ބުންޏެވެ.

މޮޑްރިޗަކީ ކްރޮއޭޝިއާގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލަށް ކްރޮއޭޝިއާ ގެންދިޔުމުގައި މުހިއްމު ދައުރެއް އަދާކޮށް، އެފަހަރު ވޯލްޑް ކަޕްގެ ރަން ބޯޅަވެސް ހޯދައިފައެވެ.