ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޑރ. އަލީ އަޒްވަރު މިއަދު އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ގޮތުގައި، ސ. ފޭދޫ ނެސްޕްރޯވިލާ، ޑރ. އަޒްވަރު މި މަގާމަށް އައްޔަންކުރީ މިއަދުގެ ވަގުތެއްގައެވެ. ޑރ. އަޒްވަރަކީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުނި ހިންގުމުގެ އެންމެ އިސް ޒިންމާތައް އުފުއްލަވަމުން ގެންދެވި ބޭފުޅާއެވެ.

އޭނާ ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ، އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަހުމަދު ޝަމާހު ރަޝީދު މިދިޔަ ޖެނުއަރީ މަހު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

އަޒްވަރު ވަނީ ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ފެތުރުމާ ގުޅޭ ދާއިރާއިން ނިއުޒިލެންޑުން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ސިންގަޕޫރުގެ ގައުމީ ޔުނިވާސިޓީން ޕަބްލިކް ޕޮލިސީގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ޝެފީލްޑުން ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައެވެ.