ހުޅުމާލެ ފޭސް އެކެއްގައި ގާއިމުކޮށްފައިވާ ވަގުތީ މަސްމާރުކޭޓުގެ ޖާގަތައް ކުއްޔަށް ދޫކުރުމަށް ނިންމައި ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލެ ފޭސް އެކެއްގައި ގާއިމުކޮށްފައިވާ ވަގުތީ މަސްމާރުކޭޓުގެ ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 6،000 ރުފިޔާ ދައްކާ ގޮތަށް ކަމަށެވެ.

އެ ޖާގަތައް ހޯދުމަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ތިން މަހުގެ މަހު ކުލި ކަމަށްވާ 18،000 ރުފިޔާ ދައްކަން ޖެހެއެވެ.

ވަގުތީ މަސްމާރުކޭޓުގައިވާ ހަ އަށީގެ ތެރެއިން ފަސް އަށި މަސްވިއްކާ ފަރާތްތަކަށް ދުވާލަކަށް 125 ރުފިޔާއަށް ވުރެ އަގު ބޮޑު ނުވާގޮތަކަށް ކުއްޔަށް ދޫކުރުމަކީ ތަން ހިފާ ފަރާތުގެ ޒިންމާއެއް ކަމަށް އެތަން ކުއްޔަށް ދޫކުރާއިރު ސޮއިކުރާ އެއްބަސްވުމުގައިވެއެވެ.

މަސްމާރުކޭޓުގެ ޖާގަތައް ދުކުރަނީ ފޭސް އެކެއްގެ ލޮޓް ނަމްބަރު 225 ގައި އޮންނަ 2378.82 އަކަފޫޓުގެ ބިމެއްގައެވެ. އެތަނުގައި ހުންނަ ވަސީލަތްތަކުގެ ތެރޭގައި ހަ މަސްބަހައްޓާ އައްޓާއި ހަ މަސްކަނޑާ ހަ އަށި އަދި ކުނި އެއްކުރާ ސަރަހައްދެއް ހިމެނެއެވެ.

ކުއްޔަށް ހިފުމަށް ހުށަހަޅާ ފަރާތުގެ ހުންނަންޖެހޭ ޝަރުތުތައް:

  • ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓު ދިވެހި ވިޔަފާރިއެއްކަމުގައިވުން.
  • އެޗްޑީސީއަށް ދަރާފައިވާ މީހެއްކަމުގައި ނުވުން.
  • ފައިސާ ދެއްކުމަށް ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކުންވެސް، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި ނިމެންދެން ބެލެވޭނީ އެ ކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާ ދައްކާ ނުނިމޭ ފަރާތްތަކުގެ ގޮތުގައި.
  • އެ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް ޝަރުތު ހަމަވާނީ، ސެޓަލްމަންޓް އެއްބަސްވުމުގައިވާ ޖުމުލަ އަދަދު އެޗްޑީސީއަށް ދެއްކުމުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ވިޔަފާރި ރަޖިސްޓްރީ ކޮޕީ ނުވަތަ ޕްރޮފައިލް އިންފޮމޭޝަން ޝީޓް.
  • ބޯޑް ރިޒޮލިއުޝަން.
  • ޑިކްލެރޭޝަން އޮފް އިމީޑިއޭޓް ފެމިލީ މެމްބާސް.
  • އައިޑީ ކާޑު.
  • އެޗްޑީސީ ޑިއު ކްލިޔަރެންސް ރިޕޯޓް.

ފޯމު ހުށަހަޅެޅުމަށް ހުޅުވާލަން ހަމަޖެހިފައިވަނީ މާދަމާގެ މެންދުރު 12:00 ފެށިގެންނެވެ. އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ 14:00 އަށް ފޯމު ހުށަހެޅުން ބަންދުވާނެއެވެ. ގުރުއަތު ނެގުން އަންނަ މަހުގެ 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ގުރުއަތު ނަގަން ހަމަޖައްސާ ވަކިތަނެއް ފަހުން އިއުލާނު ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މަސްމާރުކޭޓަށް އެދި ހުށަހަޅާ ފޯމް އެޗްޑީސީގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.