ނޭޕާލްގެ ފުޓުބޯޅަ އިދާރާ، އޭލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ) ގުޅުންހުރި 24 އޮފިޝަލަކު އެގައުމު ދޫކޮށް ފުރުން މަނާކޮށްފިއެވެ.

ހަބަރުތައް ބުނެފައި ވަނީ ފުރުން މަނާކުރި އޮފިޝަލުންގެ ތެރޭގައި އިސް އޮފިޝަލުންނާއި އެކްސްކޯ މެމްބަރުންގެ އިތުރުން އެކިއެކި ކޮމިޓީ މެމްބަރުންވެސް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން އެ އިދާރާގެ ޗީފް އެގްޒެކެޓިވް އޮފިސަރުވެސް ޕާސްޕޯޓް ހިފެހެއްޓި އޮފިޝަލުންގެ ތެރޭގައި ހިމެނޭ ކަމަށް ނޫސްތައް ބުނެއެވެ.

ނޭޕާލް ފުޓުބޯޅަ އިދާރާގެ އޮފިޝަލުން ފުރުން މަނާކުރަން އަންގާފައި ވަނީ ސްޕޯޓް ސްޕޯޓްސް ކައުންސިލުން، ސަރުކާރު މެދުވެރިވެގެންނެވެ. ސަރުކާރުން އެކަން އަންގާފައި ވަނީ އިމިގްރޭޝަނަށެވެ.

އިތުބާރު ނޫސްތަކުން ބުނީ 24 އޮފިޝަލުންގެ ތެރޭގައި އަންފާގެ ރައީސް ޕަންކަޖް ބިކްރަމް ނެމްބަަންއާއި ސީނިއާ ނައިބު ރައީސް ބިރް ބަހާދުރް ކަަދްކާވެސް ހިމެނޭ ކަމަށެވެ.

ނޭޕާލްގެ ސްޕޯޓްސް ކައުންސިލް އެގައުމުގެ ފުޓުބޯޅަ އިދާރާ، ތިން މަހަށް ސަސްޕެންޑް ކުރަން ނިންމާފައި ވަނީ މާޗް 25 ވަނަ ދުވަހުއެވެ. އެއީ އިދާރީ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް ބުނެއެވެ. އެ ސަސްޕެންޝަނުގެ ސަބަބަބުން އަންފާއަށް މާޗް 27 ގައި ބާއްވަން އުޅުނު ހިންގާ ކޮމިޓީގެ އިންތިހާބު ބޭއްވިފައެއް ނުވެއެވެ.

ސްޕޯޓްސް ކައުންސިލް ފުޓުބޯޅަ އިދާރާ ސަސްޕެންޑް ކުރުމާއެކު ފީފާއާއި އޭއެފްސީންވެސް ވަނީ ނޭޕާލް ސަސްޕެންޑް ކުރާނެކަމުގެ އިންޒާރު ދީފައެވެ. އެއީ ތިންވަނަ ފަރާތެއްގެ ނުފޫޒު ފުޓުބޯލައިގެ ތެރެއަށް ވަންނަ ކަމަށް ބުނެއެވެ.

ފީފާއާއި އޭއެފްސީން ނޭޕާލްގެ ސްޕޯޓްސް ކައުންސިލަށް އެދިފައި ވަނީ މޭ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އެ ސަސަޕެންޝަން އުވާލުމަށެވެ. އެހެން ނޫންނަމަ ސަސްޕެންޝަން އަންނާނެ ކަމަށް އިންޒާރު ދީފައިވެއެވެ. މީގެ ކުރިން ފީފާއިން އޭޕްރީލް ހަތަރަކަށް ދިން މުހުލަތުގައިވެސް ސްޕޯޓްސް ކައުންސިލުން އެކަން ކޮށްފައި ނުވާއިރު، އިތުރު ފުރުސަތެއް ދޭން ފީފާއާއި އޭއެފްސީން ނިންމާފައި ވަނީ މިމަހު 13 ވަނަ ދުވަހު ބޭއްވި އޮންލައިން މީޓިންއެއްގެ ފަހުންނެވެ.