އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ބްރެންޓްފޯޑު ކައިރިން މޮޅުވެ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޔަގީންކުރުމާ ގާތަށް ޖެހިލައިފިއެވެ.

ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި 2-1 އިން މޮޅުވުމާއެކު، އެޓީމަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއް ޔަގީންވުމާ ގާތަށް ޖެހިލައިފައެވެ. އެގޮތުން މިހާރު ތާވަލުގެ ތިންވަނައިގައި ޔުނައިޓެޑް އޮތީ 34 މެޗުން 61 ޕޮއިންޓާއެކުގައެވެ. ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ލިވަޕޫލާއި އެސްޓަން ވިލާގެ އިތުރުން ބްރައިޓަންއާއި ޗެލްސީން އަދި ބޯންމައުތުވެސް ވާދަކުރަމުންދާ އިރު، ބްރެންޓްފޯޑާއި ފުލަމްއަށްވެސް އަދި ފުރުސަތު އެބައޮތެވެ.

މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޔުނައިޓެޑަށް ލީގުގައި ބާކީ ހަތަރު މެޗު އޮތް އިރު، ރޭގެ މެޗު ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން ޔުނައިޓެޑުން ވަނީ ކުރީކޮޅުގައި ހަމަލާތައް އުފައްދައިފައެވެ. ކޯބީ މައުނޫއަށް ލިބުނު ފުރުސަތުގައި އަމަޑް ޑިއޯލާއަށް ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްދިން ނަމަވެސް، އެ ފުރުސަތުގައި ފޮނުވާލި ހަމަލާ ގޯލަށް ވަންނަން ދަނިކޮށް ސާފުކޮށްލީ ސެޕް ވެން ޑެން ބާއެވެ.

އޭގެފަހުން ހެރީ މެގުއާގެ ހަމަލާއެއް ކީޕަރު ކޮއިމްހިމް ކެލެހާ މަތަކުރި އިރު، އޭގެ އިރުކޮޅެއްފަހުން ބްރޫނޯ ފެނާންޑޭޒްގެ ކޯނަރެއްގައި ކަސެމީރޯ ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ.

އޭގެ ފަހުން ބްރެންޓްފޯޑުގެ އައިޑެން ހެވަންއާއި އީގޯ ތިއާގޯއަށް ފުރުސަތުތައް ލިބި ބޭކާރުވި އިރު، ޑަންގޯ އޮއަޓާރާގެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވިއެވެ.

ހާފު ނިމުމުގެ ކުރިން ބެންޖަމިން ޝެސްކޯ ގޯލް ޖަހައި ޔުނައިޓެޑަށް ލީޑު ފުޅާކޮޮށްދިން އިރު، ބްރެންޓްފޯޑުން ގޯލް ޖެހިއިރު އޮތީ ވަގުތު ފާއިތުވެފައެވެ. ބްރެންޓްފޯޑުގެ ހަމައެކަނި ގޯލް ފެނުނީ މަތިއަސް ޖެންސަންގެ ފަރާތުންނެވެ.