މިއަހަރުގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ އިވެންޓް، ރާއްޖޭގައި މިހާތަނަށް ބާއްވަމުންދާ އެންމެ ދުވަސްވީ ބޮޑީބޯޑިން އިވެންޓް، ބުރުނު ޝިކާރުގެ ފިރިހެން އޯޕަން ބައި ޗެމްޕިއަންކަން އާމިން އުމަރު މޫސާ ހޯދައިފިއެވެ.
މިދިޔަ އަހަރު ގައުމީ ބޮޑީބޯޑިން ލީގާއި ބުރުނު ޝިކާރުވެސް ކާމިޔާބުކުރި އާމިން ކާމިޔާބީ ތަކުރާރުކުރުމަށް މި ސީޒަނަށް ނުކުމެ، ފުރަތަމަ މުބާރާތުގެ އޯޕަން ބައި ކާމިޔާބުކުރީ އިއްޔެ އޮތް ފައިނަލުގައި އަސްވާން މުހައްމަދު (ދޫނި) ބަލިކޮށްގެންނެވެ.
އިއްޔެ ފައިނަލް ހީޓްތަކާ ހަމައަށް އޯޕަން ބައި ކުރިއަށް ގެންގޮސް ނިންމާލާފައި ވަނީ، ރާޅުގެ ކޮންޑިޝަންއަށް ބަލައިގެން ކަމަށް އެމްބީބީއޭއިން ބުނެފައިވެއެވެ. އެމްބީބީއޭއިން ބުނީ ފިރިހެން އޯޕަން ޑިވިޝަނަކީ މުބާރާތުގެ އެންމެ މުހިއްމު ޑިވިޝަން ކަމަށްވުމާއެކު، އިއްޔެ ރާޅުގެ ކޮންޑިޝަން ރަނގަޅުކަމަށް ފޯކާސްޓް ކުރެވިފައި އޮތުމުން ފަނޑިޔާރުން ނިންމީ އެ ޑިވިޝަން ނިންމާލުމަށް ކަމަށެވެ.
އާމިން ފައިނަލަށް ދަތުރުކުރީ އިޔަން އަހުމަދާ ވާދަކޮށް ހަނިގޮތަކަށް ކުރިހޯދައިގެންނެވެ. ޒުވާން ދެ ބޮޑީބޯޑަރުންގެ ސެމީ ފައިނަލް ކައިރިކައިރިން ގޮސްފައިވާ އިރު، އާމިން ވަނީ 12.60 ގެ ސްކޯއެއް ހޯދައިފައެވެ. އިޔަން 12.17 ގެ ސްކޯއެއް ހޯދި އިރު، އަނެއް ސެމީގައި ދޫނި ނުކުތީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާ ދެކޮޅަށެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު ކުޑަ އައްޔަ 10.60 ގެ ސްކޯއެއް ހޯދި އިރު، ދޫނި ވަނީ 11.50 ގެ ސްކޯއެއް ހޯދައިފައެވެ.
ފައިނަލުގައި އާމިން 13.34 ގެ ސްކޯއެއް ހޯދި އިރު، ދޫނީގެ ސްކޯއަކީ 9.38 އެކެވެ.
އެމްބީބީއޭގެ ބުރުނު ޝިކާރު އިވެންޓްގެ ޖޫނިއާ ފިރިހެން އަދި އަންހެން ބައިވެސް މިފަހަރު ކުރިއަށްދާނެއެވެ. މިއީ ޖޫނިއާ އަންހެން ބައި ކުރިއަށްދާ ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން ޑްރޮޕް ނީ ކެޓަގަރީވެސް ކުރިއަށްދާނެއެވެ.
މުޙައްމަދު ޝަމްޢޫން
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)