"އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާގެ ޕާސްޕޯޓު ހިފަހައްޓައި، އޭނާ ރާއްޖެއިން ފުރުން މަނާކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އެ އަމުރު ނެރެފައިވަނީ ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލައެއްގެ ތަހުގީގަށް އޭނާ ރާއްޖޭގައި ބެހެއްޓުން މުހިންމުކަމަށް ފުލުހުންނަށް ފެންނާތީއެވެ. ކުރިމިނަލް ކޯޓުން މިރޭ 22:11 ގައި ނެރުނު އެ އަމުރުގައިވާ ގޮތުން، ފިޔާޒްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މައްސަލައަކީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ.
ޕާސްޕޯޓު ހިފެހެއްޓުމުގެ އިތުރުން، ފުލުހުން ވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައިފާސްކޮށްފައެވެ.
އެ ނޫހުން ބުނި ގޮތުގައި، ފުލުހުން އޮފީހަށް ވަދެފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެންނެވެ. އެއީ ނަން ހާމަނުކުރާ މީހަކު ދިން އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ފުލުހުން މިރޭ ބުނީ، ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލައިފާސްކުރަމުންދާ ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް